އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
ޑރ.އަނާރާ މިހެން ވިދާޅުވީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށް ވިދާޅުވިއެވެ. އިންސާނާގެ ނަފްސާ ބެހޭ ގޮތުން ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ނަފްސަކަށްވެސް ހެޔޮ ގޮތާއި ނުބައި ގޮތް އެނގޭކަމަށާއި ހެޔޮ ގޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ. އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުންކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީކަމަށެވެ.
ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާއި ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު ސުންނަތުންވެސް މިކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އަދި ޢިލްމުވެރިންވެސް އެތައް ފޮތެއް މިކަމާއި ގުޅޭގޮތުން ލިޔުއްވާފައިވާކަމަށެވެ.
އަމިއްލަ ނަފްސަށް އަޅާލާފަދައިން އެހެންމީހުންގެ ނަފްސާމެދުވެސް އަޅާލުމާއި ބެހޭ ގޮތުން ޑރ. އަނާރާ ވަނީ ފޯރަމްގައި ވާހަކަފުޅުދައްކަވާފައެވެ.
ކޮންމެ މީހަކުވެސް ހިތްހަމަޖެހިގެންވާ ފުރާނައެއްގެ ނަފްސަކަށް ވާންޖެހޭކަމަށާއި ނަފްސު އިޞްލާހު ކުރުމުގައިވެސް މިފަދަ ނަފްސެއް ލިބިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ. މިފަދަ ނަފްސުގެ އަހުލުވެރިން ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްތޯ ބަލާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މީހުން ދީނުގައި ލައްވަވާފައިވާ ކަންތައްތައް ކުރުމަށް އިސްކަންދީ އެގޮތަށް ޢަމަލުތައް ބަހައްޓާނެކަމަށްވެސް ވިދާޅުވިއެވެ. މުސްލިމުންނަށް ފަސް ވަގުތު ނަމާދުކުރުމާއި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާން މަހު ރޯދަ ހިފުމާއި، ޢުމުރުން އެއްފަހަރު ކުޅަދާނަކަން ހުރިނަމަ ޙައްޖުވުންފަދަ އަޅުކަންތައް ހިމެނޭއިރު މި އަޅުކަންތަކުގައި ހުންނަނީ، މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކާއި އަޅާބަލާނަމަ ވަރަށް މަދު ތަކުލީފުތަކެއްކަމަށް ވިދާޅުވިއެވެ.
ޑރ. އަނާރާ ވިދާޅުވީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. ދުނިޔޭގައި ހަދާފައިވާ ދިރާސާތަކަށް ބައްލަވާލައްވަމުން ވިދާޅުވީ މީހުން މަރުވާ ރޭޓަށް ބަލާއިރު ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ ޒުވާނުން މަރުވަނީ އަމިއްލައަށް ކަމަށެވެ. އެއީ ވަރަށް ބޮޑުފާފައެއްކަމަށާއި މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ފުރަގަސްދެވެނީކަމަށް ވިދާޅުވިއެވެ. އަދި އަމިއްލައަށް މަރުވުމަކީ ޙަރާމްކަމެއްކަމަށްވެސް ވިދާޅުވިއެވެ. މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ އިންސާނާގެ ނަފްސު ލައްވާފައިވަނީ ތަފާތު އިޙްސާސްތަކާއިއެކުގައި ކަމަށާއި މި އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ނަފްސާނީ ޢިލްމުވެރިންނާއި މިފަދަ ފަރާތްތަކުގެ އެހީތެރިކަން އެފަދަ ޙާލަތްތަކުގައި ހޯދޭނެކަމަށާއި އިސްލާމްދީނުގައި ތިމާގެ ނަފްސު ކޮންޓްރޯލްކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވަމުން، ހިތާމައާއި ރުޅިއާއި މިކަންކަމުގައި އިސްލާމްދީނުގައި އަމަލުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތަކަށް ބައްލަވާލެއްވިއެވެ.