ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 14:54
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ
މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ
މުހައްމަދު ޝަރުހާން
އީމާންކަން ހަރުދަނާ ކުރުން
ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން
މީހާގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވެގެންދޭ
ކީރިތި ޤުރުއާނަކީ އީމާންކަން ހަރުދަނާކުރުމުގެ އެންމެ މުހިއްމު އެއް ވަޞީލަތް

ގަސްގަހާގެހި ތާޒާކަމާއެކު ދިރިހުރުމަށް ފެންބޭނުންވާ ފަދައިން އިންސާނާގެ ހިތާއި ރޫޙަށް ދިރުންދީ ބާއްޖަވެރިކުރުމަށްޓަކައި ހަރުދަނާ އީމާންކަމަށް ބޭނުންވެއެވެ. އިންސާނާގެ ޙަޤީޤީ ކާމިޔާބީއާއި ބާއްޖަވެރިކަންވަނީ މާތްﷲށް ފުރިހަމަ މާނާގައި އީމާންވުމުންނެވެ. މި އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އެހެންކަމުން ދުނިޔަވީ ޙަޔާތުގެ އުފަލާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންނެވެ. މާއްދިޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ މިފަދަ ޒަމާނެއްގައި އީމާންކަމަށް ގުޑުންއަރައި ނުބައިމަގުން ދެވުމަކީ ވަރަށް ގާތުގައިވާކަމެކެވެ. އަދި މީހާގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށިވެގެންދެއެވެ. އަދި އީމާންކަމަށް އުނިއިތުރުވެސް އާދެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

إِنَّ الإِيْمَانَ لَيَخْلُقْ فِي جَوْفِ أَحَدِكُمْ كَمَا يَخْلُقُ الثَّوْبَ فَاسْأَلُوْا اللَّهَ أَنْ يُجَدِّدَ الإِيْمَان ( رواه الحاكم والطبراني بإسناد حسن) މާނައީ: ހަމަކަށަވަރުން ހެދުން ބާވެ، ވީރާނާވާ ފަދައިން ތިޔަބައިމީހުންގެ ހިތުތެރޭގައި އީމާންކަމުގެ ނޫރު ފަޑުވެގެންދެއެވެ. ފަހެ، އީމާންކަން ހަރުދަނާކޮށްދެއްވުން އެދި ތިޔަބައިމީހުން ﷲށް ދަންނަވާހުށިކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް

އަޅުގަނޑުމެން ކުރާ އަޅުކަމުގެ ޙަޤީޤީ ރާޙަތާއި ފޮނިކަން އިޙްސާސްކުރެވި، އަޅުގަނޑުމެން އުޅުމާއި ސުލޫކު އިޞްލާޙު ކުރެވޭނީ ބަލިކަށިވެފައިވާ އީމާންކަން ހަރުދަނާކުރެވިގެންނެވެ. މިގޮތުން އީމާންކަން ހަރުދަނާ ކުރުމުގެގޮތުން ކުރެވިދާނެ އެއްކަމަކީ ކީރިތި ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރުމެވެ. ކީރިތި ޤުރުއާނުގައި، އީމާންކަމާއި، ވަޢުދާއި ވަޢީދުގެ ބަސްތަކާއި، ޙުކުމްފުޅުތަކާއި، މާޒީވެ ގޮސްފައިވާ ޒަމާނުގެ ވާހަކަތަކާއި ރިވެތި އަޚްލާޤުގެ ވާހަކަތައްވެސް ވެއެވެ. ކީރިތި ޤުރުއާނަކީ އީމާންކަން ހަރުދަނާކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُوْا الأَلْبَابِ (سورة ص: 29) މާނައީ: (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރީން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް

ކީރިތި ޤުރުއާން ކިޔަވާހިނދު އޭގެ ޙަޤީޤީ ފައިދާ ލިބިގަނެވޭނެ ގޮތް ބަޔާން ކުރައްވައި އަލްއިމާމު އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. "އެއީ ކީރިތި ޤުރުއާނުގެ ޙަޤީޤީ ފައިދާ ޙާޞިލުކުރަން ބޭނުންނަމަ ޤުރުއާން ކިޔަވާހިނދު ތިމާގެ ހިތް ޙާޟިރުކޮށް، ތިމާގެ ވިސްނުމާއި އަޑު އެހުން ހަމަ އެކަނި މަތިވެރި ވެގެންވާ ރަސްކަލާނގެއާ ޙަވާލުކުރުމެވެ."

އީމާންކަން ހަރުދަނާކުރުމަށް މާތްﷲގެ މަތިވެރިކަން ހިތަށް ގެނެސް، އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަންނަން ޖެހެއެވެ. މާތްﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ރަނގަޅަށް ދެނެގެންފި މީހާއަށް މާތްﷲގެ ޒާތުފުޅު މަޢުރިފާކުރެވޭނެވެ. އޭރުން ﷲގެ ކިބްރިޔާއުވަންތަކަމާއި ކުޅަދުންވަންތަކަން ޤަބޫލުކުރެވި، އޭނާގެ އީމާންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި އެކަލާނގެއަޡް ބިރުވެތިވުން އިތުރުވެގެން ދާނެއެވެ. އީމާންކަން ހަރުދަނާކޮށް އިތުރުކޮށްދޭ އެންމެ ބޮޑު އެއްކަމަކީ އިޚްލާޞްތެރިކަމާއެކު ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. ކީރިތި ޤުރުއާނުގައި އީމާންކަމުގެ ވާހަކަ އައިސްފައިވާ ވަރަށް ގިނަ އާޔަތްތަކުގައި ހެޔޮ ޢަމަލުގެ ވާހަކަވެސް އައިސްފައިވެއެވެ. އީމާންކަން ވަރުގަދަ ކުރެވޭނީ ރެޔާއި ދުވާލު ކުރާ ހެޔޮ ޢަމަލުތަކުންނާއި އަޅުކަންތަކުންނެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވިއެވެ.

"އީމާންކަން ފުރިހަމަވުން ވަނީ މާތްﷲއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، އެކަލާނގެ ނަހީކުރައްވާފައިވާ އެންމެހާ ކަންތައްތަކުން ދުރުހެލިވުމުންނެވެ. ﷲގެ ބައެއް އަމުރުފުޅުތަކަށް ޢަމަލުކޮށް އަނެއްބައި އަމުރުފުޅުތަކަށް ޢަމަލުނުކުރާކަމުގައި ވާނަމަ އޭނާގެ އީމާންކަން ފުރިހަމައެއްނުވެއެވެ."

މަރު ހަނދާންކުރުމަކީވެސް އީމާންކަން ހަރުދަނާކޮށްދޭނެ ކަމެކެވެ. މަރު ހަނދާންކުރާ މީހާ، އޭނާގެ ކިބާގައި އީމާންކަމުގެ ވިންދާއި ހޫނުކަން ހުރީ ކިހާ މިންވަރަކަށްތޯ ބަލައި، އީމާންކަން ވަރުގަދަކޮށް އިތުރު ކުރުމަށް މަސައްކަތްކުރާނެއެވެ. މާތްﷲށް އުރެދުމަކަށްވާ ކޮންމެ ކަމަކުން ދުރުހެލިވުމަށް މަސައްކަތްކުރާނެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނާގައި ވެއެވެ. " އުފާތައް ނެތިކޮށްލާ ކަންތައް މަތިން ގިނަ ގިނައިން ހަނދުމަ ކުރާށެވެ. (އެބަހީ: މަރު ހަނދާން ކުރާށެވެ.) -އައްތިރުމިޛީ-

- ކޮމެންޓް