އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް, މަސްޖިދުލް ވާލިދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.
މި މިސްކިތް ހުޅުވާފައިވަނީ ހުކުރު ދުވަހު ހުކުރުނަމާދަށެވެ. މި މިސްކިތް ހުޅުއްވައިދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އައްޑު ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ 250 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުއްވައިދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެކަޑަމީގެ މަސައްކަތްތައްތައް ކުރިޔަށްދާގޮތް އޮޅުންފިލުއްވައިފައެވެ. އެގޮތުން އިންސްޓްރަކްޓަރުން ލިބުމުގައި ކުރިމަތިވާ ދަތިތައް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނުއެވެ.