އަތޮޅުތެރެއިން ސިއްހީ ފަރުވާ ހޯދުމަށް ރައްޔިތުން އުފުލާ ތަކުލީފު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ސިއްހީ ޚިދުމަތްފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ސިއްހީ ޚިދުމަތްފުޅާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ޚިދުމަތްފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި އާދިލް ވިދާޅުވީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ އާއްމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ފުޅާ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އަޅުގަނޑުމެންނަށް 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ޚިދުމަތްފުޅާ ކުރެވިއްޖެ. އަދިވެސް ފުޅާކުރުމުގެ މުޅި މަރުހަލާ ނުނިމޭ. އަޅުގަނޑުމެން ހދ.ކުޅުދުއްފުއްޓަށް ބެލިކަމުގައި ވިޔަސް. ކުޅުއްފުއްޓަކީ އަޅުގަނޑުމެން މަސައްކަތް ފެށިއިރު 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ 11 ޑޮކްޓަރުން އާއްމު ބަލިތަކުގައި ތިބީ. ސްޕެޝަލިސްޓުން ތިބީ 17. އެހެންނޫނަސް މިދިއާ ހަމައަށް އަޅުގަނޑުމެންނަށް އާއްމު ބަލިތަކަށް ޑޮކްޓަރުން ނޫނީ 32 ޑޮކްޓަރުން މަސައްކަތް ކުރައްވާ. އޭގެ އިތުރުން ސްޕެޝަލިސްޓުން ގޮތުގައި 32 ޑޮކްޓަރުން މަސައްކަތް ކުރައްވާ. އެހެންވީމަ ޖުލްލަ 64 ޑޮކްޓަރުން އެބަ މަސައްކަތް ކުރައްވާ. އެއީ ކުރީގައި ނަމަ 29 ޑޮކްޓަރުން. އެއާއެކު 280 ވަރަކަށް މުއައްޒަފުންގެ ތެރެއިން ކުރީގައި މަސައްކަތް ކުރިތަނެއް މިހާރު ގާތްގަނޑަކަށް 338 ވަރު އެބަ މަސައްކަތް ކުރޭ.ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް
އާދިލް ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލްގެ އިތުރުން ރ.އުނގޫފާރު ހޮސްޕިޓަލް، ގދ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ލ.ގަމު ހޮސްޕިޓަލުން ސީޓީ ސްކޭން އަދި އެމްއާރްއައިގެ ޚިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އާދިލް ވިދާޅުވީ މިހުރިހާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އާއްމު ބަލިތަކުގެ ޑޮކްޓަރުންގެ އަދަދު އެކަށީގެންވާ މިންވަރަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރާއި އަޅާބަލާއިރު، ޑޮކްޓަރުންގެ އަދަދު ޑަބަލްކޮށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެވިއެވެ.
އާދިލް ވިދާޅުވީ އަތޮޅުތެރޭގައި ގާއިމްކުރެވޭ ހޮސްޕިޓަލްތަކުން މިއަދު ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭ ކަމަށެވެ. ރައްޔިތުން އުފުލި ތަކުލީފު ކުޑަވެ، އަތުން ކުރި ފައިސާގެ ހަރަދު ކުޑަވެ، ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވިފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެއަށް ބަރޯސާވާ މިންވަރު ކުޑަ ކުރެވިފައިވާ ކަމަށާއި، މިއަދު ސީޓީ ސްކޭން އަދި އެމްއާރްއައި ފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް އައުމަށް މަޖުބޫރުނުވާ ކަމަށެވެ.
އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ވެސް ދަނީ ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.