މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް އަންނަ މަހު ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލް ފްލެޓުތަކުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން އަންނަނީ ލިފްޓުގެ މަސައްކަތާއި ސިޑީގައި މުށިޖެހުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓުތަކުގެ މަސައްކަތް ލަސްވެފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މަސައްކަތް ލަސްވީ ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ކޮންޓްރެކްޓަރަށް އެމްޕީއެލުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުން އަންނަ ކަމަށާއި މިހާރު އޮތްގޮތުން އަންނަ މަހުގެ ފަހުކޮޅަށް އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓުތައް ލިބިފައިވާ ފަރާތްތަކާ ފްލެޓުތައް ހަވާލު ކުރާއިރު ފިނިޝނިންގެ ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އަންނަ މަހު ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އެމްޕީއެލުން ނިންމާފައިވާއިރު އެ ކުންފުނީގެ ފްލެޓުތައް ލިބޭ މުވައްޒަފުން ވަނީ ހޮވާފައެވެ. އަދި އެ ފަރާތްތަކަށް ޑައުންޕޭމަންޓް ދެއްކުމުގެ މަސައްކަތް ވެސް ދަނީ މިހާރު ކުރިއަށެވެ. ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 85 އިންސައްތަ މީހުން ޑައުންޕޭމަންޓް ދައްކާ ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށްފަހު އިންސްޓޯލްމަންޓް ދެއްކުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ 20 އަހަރުގެ މުއްދަތެއް ދީފައެވެ.
އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ ޖާގައިގެ ގޮތުން، އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
އެ ކުންފުނިން އަންނަނީ 15 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.
އެމްޕީއެލްއިން ވަނީ ޖާގައަށް ބަލައި، އެއްކޮޓަރިއާއި، 1+2 ކޮޓަރީގެ ފްލެޓްތައް ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުންނައިރު، ޓައިޕް ބީގައި 471 އަކަފޫޓު ހުރެއެވެ. އަދި 1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުންނައިރު ޓައޕް ބީގައި 686 އަކަފޫޓު ހުރެއެވެ.