ގެއަކީ ނިއުމަތެއް ކަމަށާއި، މުސްލިމުންނަށްވީތީ ގެއާ ގުޅޭގޮތުން ދަސްކުރަން ޖެހޭ ރީތި އާދަތައް ހުރި ކަަމަށް ޝެއިޚް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު, ގޭތެރޭގެ އަދަބުތަކާއި ބެހޭގޮތުން ދެއްވި ދަރުސްގައި އޭނާ ވިދާޅުވީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތްތައް ވަރަށް ގިނަ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. ކިތަންމެ ކުޑަ ތަނެއްކަމުގައި ވީ ނަމަވެސް ފިނި ހޫނުމިނުން ރައްކާތެރިކުރެވޭނެ ގޮތެއް ލައްވާފައިވުމަކީ ނިޢުމަތެއް ކަމަށް ޝެއިޚު އަލީ ޒާހިރު ވިދާޅުވިއެވެ. ގެއާއި ގުޅުން ހުރި އަދަބުތަކަށް ރައްކާތެރިވުމުގައި މާތް ނަބިއްޔާ ދެއްކެވި މަގަށް އުޅުމަކީ އެކަމުން ވަރަށް ގިނަ ފައިދާތައް ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގެއަކީ ތަނަވަސްތަނަކަށް ވެއްޖެނަމަ އެއީ ދުނިޔަވީގޮތުން ބާއްޖަވެރިކަމެއް ކަަމަށް ވެސް ޝެއިޚު އަލީ ޒާހިރު ވިދާޅުވިއެވެ. ބާއްޖަވެރިކަންކަމުގެ ތެރޭގައި ރަސޫލާﷺ ހަތަރު ކަމެއް ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ޞާލިހު އަަންބެއް ލިބުން ކަމަށާއި، އަނެއް ކަމަކީ ތަނަވަސް ގެއެއް ލިބުން ކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ. މީގެ އިތުރުން ހެޔޮލަފާ އަވަށްޓެރިއަކު ލިބުމާއި ހިތްހަމަޖެހޭ ސަވާރީ އެއް ލިބުމަކީ ވެސް ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގެއަކީ އިންސާނާގެ ލަދުވެތި އެންމެހާކަންކަމުން ހިމާޔަތްކޮށްދޭ ތަނެއް ކަަމަށައި، އެއީ އިންސާނާއަށް ލިބޭ ރައްކާތެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ނިޢުމަތުން މަހުރޫމްވެފައިވާ އެތައް ބަޔަކު ދުނިޔޭގައި ތިބިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭ ކަމެއް ކަަމަށެވެ. ޣައްޒާގައި ބައެއް އާއިލާތަކުން ރޭގަނޑު ހޭދަކުރަނީ ކަޅު ހަމުގައި ކަމަށާއި، އެފަދަ ދަތި ހާލުގައި އެތައް ބަޔަކު ދިރިއުޅެމުންދާކަން ޝެއިޚު ފާހަގަކުރެއްވިއެވެ.
ގޭގެ މޮޅުކަމަކީ ގެ ހަދާފައި ހުންނަ މެޓީރިއަލްގެ މޮޅުކަން ނޫން ކަމަށް ވެސް ޝެއިޚު އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ގެއަށް ވަންނަ އިރު ދުޢާ ކިޔުމަކީ ގެއަށް ވަދެ ނުކުމެ ހަދާ ނަމަ ޝައިތާނާއަށް އެގެއިން ޖާގަ ނުލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.