މެންޗެސްޓާ ޔުނައިޓެޑް ވިއްކާލުމުގެ އެންމެ ފަހު މަރުހަލާތައް ފަށައިފި އެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި އެންމެ ފަހުގެ ބިޑްތައް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިރޭ ނުވައެއް ޖަހާއިރަށެވެ. އަދި ހަ ފަރާތަކުން ޔުނައިޓެޑް ގަތުމަށް ޝައުގުވެރިވެ ބިޑް ހުށަހަޅާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް ޔުނައިޓެޑް ގަތުމުގެ ބިޑް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފަރާތަކީ ގަތަރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިސްލާމިކް ބޭންކްގެ ޗެއާމަން ހަމަދް ބިން ޖާސިމް އެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި މީހާއަށްވީ 21 ބިލިއަން ޕައުންޑާއެކުވި ރަޓްކްލިފެވެ.
ޔުނައިޓެޑް ވިއްކާލުމުގެ އަގު 5 ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާތަނަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ ވެސް ޖާސިމާއި ރަޓްކްލިފެވެ. ޖާސިމް ހުށަހަޅާފައިވަނީ 4.5 ބިލިއަން ޕައުންޑެވެ. ރަޓްކްލިފް 4 ބިލިއަން ޕައުންޑެވެ. މީގެ ތެރެއިން ޖާސިމް ހުށަހަޅާފައިވަނީ ދަރަނި އަދާކޮށްފައި މުޅި ކުލަބުގެ ކޮންޓްރޯލް ހޯދުމަށެވެ.
އެންމެ ފަހުގެ ބިޑްތައް މިރޭ ހުށަހަޅަންޖެހޭއިރު ޖާސިމް ރަޓްކްލިފް ވަނީ އޭނާގެ ހުށަހެމުގެ އަގު މަތިނުކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އޭނާ ބުނެފައިވަނީ ރޭވުންތެރިކަމެއްނެތި ހިތުހުރިހާ ގޮތަކަށް ފައިސާ ހޭދަނުކުރާނެ ކަމަށެވެ. ނަމަވެސް ޖާސިމްގެ ބިޑް 5 ބިލިއަނަށް މަތިކޮށް ހުށަހަޅާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހެންވެއްޖެނަމަ ޔުނައިޓެޑް ވިއްކާލުމުގެ ވިޔަފާރިވާނީ ކުޅިވަރުގެ ރެކޯޑް މުއާމަލާތަކަށެވެ.