ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 19:04
ރައީސް ޞާލިހުގެ ކޯލިޝަން ބައްދަލުވުން
ރައީސް ޞާލިހުގެ ކޯލިޝަން ބައްދަލުވުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރައީސް، އައު ކޯލިޝަނުގެ ލީޑަރުންނާ ބައްދަލުކުރައްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތީޚާބުގައި މިހާރު އޮތް ކޯލިޝަނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ
އަމާޒަކީ ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ކެމްޕޭން ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހަދާ ޕާޓީތަކުގެ ލީޑަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސްގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް އާއި އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލު ކުރެއްވުން ކުރިއަށްގެންދިޔައީ މުލިއާގޭގައެވެ.

ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ކެމްޕޭން ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި މެނިފެސްޓޯ އެކުލަވައިލުމާއި ކެމްޕޭން ސްޓްރަކްޗަރ އެކުލަވައިލުމާއި ދަތުރުތައް ރޭވުމާއި ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތީޚާބުގައި މިހާރު އޮތް ކޯލިޝަނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އަމާޒަކީ ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު އޮތް ކޯލިޝަނާއެކު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ. އަދި ރައީސަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމީ އެމަނިކުފާނަކީ ފައިތުވި 25 އަހަރުގެ ތާރީހުގައި ވެސް އެންމެ އަމާންކަމާއެކު އަދުލުވެރިކަމާއެކު ވެރިކަން ކުރެއްވި ބޭފުޅާއަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކެމްޕޭނުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެއެވެ. އަދި މިހާތަނަށް މި އިންތިޚާބުގައި އެންމެ ކުރީގައި ތިބީ އެ ކޯލިޝަނުން ކަމަށާއި ރައީސަށް ތާއީދު ޔަގީން ދެ ޕާޓީ އޮތްއިރު ދެން ނުކުންނާނެ ކަމަށް ބުނާ ކެންޑިޑޭޓުންގެ ކޯލިޝަންތައް އަދި ޔަގީން ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައު ކޯލީޝަންގެ ލީޑަރުންނާ ބައްދަލު ކުރައްވާފައިވާއިރު މިހާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީއަށްވެސް އެމަނިކުފާނު ކޯލިޝަނުގެ ދައުވަތު ދެއްވިއެވެ. ނަމަވެސް ޖޭޕީން ވަނީ އެ ޕާޓި އިސްވެ އޮވެ އުފައްދާ ކޯލިޝަނަކާއެކު މިއަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އެމްއާރުއެމް އިން ވެސް ކޯލިޝަނާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ޖަވާބެއް ދީފައި ނުވެއެވެ.

- ކޮމެންޓް