2014 އިން 2017 އަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލި މީހުންނާއި ގުޅުން ހުރި ކަންކަން ބަޖެޓް ނެތުމުގެ ސަބަބުން ނުކުރެވިވާ ކަަމަށާއި އެކަންކަން ހައްލުކުރުމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ބައިތިއްބާފައި ތިބޭ މަރުކަޒާއި ގުޅޭ އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން، އޮޑިޓް އޮފީހުގެ ބޭފުުޅުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ ޚާއްސަ އެހީ އަށް ބޭނުންވާ މަރުކަޒަކީ ވަރަށް ގިނަ ސްޓޭކް ހޯލްޑަރސް ހިމެނޭ މަސައްކަތްތަކެއް ކުރިއަށްދާ ތަނެއް ކަަމަށެވެ. ރެކޮމެންޑޭޝަނެއްގެ ގޮތުގައި އެކަމަށް ހައްލުހޯދަން މަޝްވަރާގެ އުސޫލުން އަމަލުކުރަން ލަފާދިން ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުގެ އިތުރުން ލޯނާއި އެހެން ހައްލުތައް މެދުވެރިކޮށް ޚާއްސަ އެހީ އަށް ބޭނުންވާ މަރުކަޒަށް ދިމާވެފައިވާ ބަޖެޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަން ލަފާދެއްވާކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެ ރިޕޯޓަކީ 2017އިގެ ކުރީގެ ރިޕޯޓެއް ކަމަށް ވުމާއި އެކު މިހާރުގެ ހާލަތު ބަދަލުވެފައިވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖެންޑަރ މިނިސްޓްރީ އާއި ސޯޝަލް ޕްރޮޓެކްޝަން، ޕެންޝަން އޮފީސް އަދި ހެލްތް މިނިސްޓްރީ އިން ކުރަމުންދާ ކަންކަމަށް އެ އޮޑިޓް ރިޕޯޓްގައި ވަނީ ބަލާލާފައެވެ. އެ އޮޑިޓް ރިޕޯޓްގެ ތެރެއިން މައިގަނޑު 3 ކަމަކަށް ބަލާފައިވާ ކަމަށާއި އެއީ މުވައްޒަފުންނާއި ވަސީލަތްތައް ފަހިކުރެވިފައިވާ މިންވަރާއި، މަރުކަޒު ހިންގުމުގެ ރައްކާތެރިކަމާއި، ބަލި މީހުންނަށް ފަރުވާ ދީފައިވާ ކަންކަމެވެ. 2014،2015 އަދި 2016 ވަަނަ އަހަރުގެ ކަންކަމުގެ އިތުރުން 2017 ވަނަ އަަހަރުގެ ބައެއް ކަންކަމަށް ވެސް ވަނީ އެ އޮޑިޓް ރިޕޯޓްގައި ބަލާލާފައިވެއެވެ.
ފާހަގަކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބަލިމީހުންނާއި ގުޅުން ހުރި ބައެއް ކަންކަން ބަޖެޓް ނެތުމުގެ ސަބަބުން ނުކުރެވިވާ ކަަމަށެވެ. އެގޮތުން ތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންނަށް ބޭނުންވާ ޔުނިފޯރމްފަދަ ކަންކަން ވެސް ބަޖެޓުގެ ދަތިކަމާއި ހުރެ ނުކުރެވިވާ ކަަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ. ޕެންޝަން އޮފީހުން ޚާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި ތިބި ބައެއް ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އެ ފަރާތްތަކުގެ އާއިލާ އަށް ދީފައިވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުން ފާހަގަވެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާގެ ގޮތުގައި ލިބޭ ތަކެތި މަރުކަޒުގައި ހުރިކަން ނުވަތަ ނޫންކަން ޔަގީންކުރެވިފައެއް ނުވެއެވެ.
އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބަލިމީހުން ބަލަން ތިބޭ މީހުން ނިސްބަތުން މަދު ކަމަށް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އަންހެން ކެއާ ވޯކަރުން މީހަކަށް 7 ބަލި މީހުން ބަލާއިރު، ފިރިހެން ކެއާވޯކަރުން މީހަކަށް 6 ބަލިމީހުން ބަލަމުންދާ ކަަމަށް އެ ރިޕޯޓްގައިވެއެވެ. މަރުކަޒުގެ ކެޕޭސިޓީއަކީ 148 މީހުންކަމަށްވީ ނަމަވެސް 170 ބަލި މީހުން އެ މަރުކަޒުގައި ތިބި ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެއެވެ.