މާލެ ސަރަހައްދުގެ އިމާރާތްތަކުގައި ވަކިވަކި އެޕާޓްމަންޓުތަކަށް އަރައި ކުނި ނެގުމަށް ހާއްސަ ޕްރިމިއަމް ޕެކޭޖުތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ މިހާރު ނިންމާފައިވާ ގޮތުން ވެމްކޯގެ ބިލާއި ސްޓެލްކޯގެ ކަރަންޓު ބިލު އެއްކޮލުމާއެކު ކުނި ނަގަމުންދާނީ ކޮންމެ އިމާރާތަކުން ވެސް އެ އިމާރާތެއްގެ ތިރިން ކަމަށެވެ. އެހެންކަމުން ވަކިވަކި އެޕާޓްމަންޓުތަކަށް ގޮސް ކުނި ނަގާނަމަ އިތުރު އަގެއް ހިމެނުމަށް ވިސްނާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ޕްރިމިއަމް ޕެކޭޖު ތައާރަފު ކުރުމަށް ބޭނުންވާ ކަރުދާސްތައް ޔުޓިލިޓީ އޮތޯރިޓީއަށް މިހާރު ވަނީ ހުށަހަޅައިފައެވެ. އަދި އަންނަ އޭޕްރިލް މަސް ނިމޭއިރަށް އެ އަގުތައް ފާސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވެމްކޯއިން މިހާރު ކުނި ނަގައިދެމުން އަންނަނީ ކޮންމެ ގޭބިސީއަކުން 150 ރުފިޔާއަށްކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ މިއީ ހައުސްހޯލްޑް ކަލެކްޝަނަށްދާ ޚަރަދަށް ބަލާއިރު ވަރަށް ކުޑަ ރޭޓެއް ކަމަށެވެ. ނަމަވެސް މާލޭގެ ހުރިހާ ގެއެއް ވެމްކޯގައި ރަޖިސްޓްރީވުމުން ޚަރަދުތައް ހަމަޖައްސާލެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މިހާރު ކުނި ނެގުމަށް ކޮންމެ ގޭބިސީއަކަށް ދާ ޚަރަދު 300 ރުފިޔާއަށް އަރައެވެ. އެހެންކަމުން ޕްރިމިއަމް ޕެކޭޖު ކަނޑައަޅާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ 300 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރިލް މަހުން ފެށިގެން ވެމްކޯއިން އަންނަނީ ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރެއަށް އެ ކުންފުނީގެ ކުނީގެ ބިލު އިތުރު ކުރުމަށް ވެސް ތައްޔާރުވަމުންނެވެ. އޭޕްރިލް މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމެނިގެންދާއިރު، ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގޭބީސީއަކަށްވެސް ކުނި ބިލް ފޮނުވިގެންދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެއީ 50،000 އަށްވުރެ ގިނަ ގޭބީސީއެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މި ގެންނަ ބަދަލާއެކު އެ ކުންފުންޏަށް މަހަކު 7.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.
ވެމްކޯއިން ވަނީ އެކުންފުނިން ގެންގުޅޭ ފީ ސްޓްރަކްޗަރަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ކޭޝް ފްލޯ މެނޭޖުކުރެވޭގޮތަށް ބަލައި ކުރިން ސަރުކާރު ކުންފުނިތަކުން ކުނި އުކައިދިނުމަށް ނަގާ އަގުތަކާއި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނަގާ އަގަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.