ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 14:50
ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެންގެ ޕްރޮގްރާމެއްގެ ތެރެއިން
ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެންގެ ޕްރޮގްރާމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އިކުއަލިޓީ
އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އިކުއަލިޓީއާ ގުޅޭގޮތުން ވެބިނަރއެއް ކުރިއަށް ގެންދަން ނިންމާފައިވޭ: އެޗްއާރްސީއެމް
މި ވެބިނަރ އެންމެ ފުރަތަމަ ބާއްވާނީ އައްޑޫސިޓީގައި

އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އިކުއަލިޓީއާ ގުޅޭގޮތުން އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގެ ހަ ސަރަހައްދެއްގައި ވެބިނަރ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ސީނިއަރ އެޑްވޮކަސީ އޮފިސަރ ފާތިމަތު އަހުމަދު ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމުން މިއަހަރަށް ރާވާފައިވާ ޕްރޮގްރާމުތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފާތިމަތު ވިދާޅުވީ މި ވެބިނަރ އެންމެ ފުރަތަމަ ބާއްވާނީ އައްޑޫސިޓީގައި ކަމަށެވެ. އަދި ވެބިނަރގައި އާންމުންގެ ޚިޔާލާއި މަޝްވަރާ ވެސް ހޯއްދަވާނެ ކަމަށެވެ.

މީގެއިތުރުން އަންހެނުން ބާރުވެރިކުރުވުމާއި މާލީ މިނިވަންކަން ދެނެގަތުމަށް ސަރވޭއެއް ވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވައ ފާތިމަތު ވިދާޅުވީ މި ސަރވޭ އަކީ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ކުރިއަށް ގެންދާ ސަރވޭއެއް ކަމަށެވެ. އަދި ސަރވޭ ހަދާ ނިމުމަށްފަހު ރިކޮމަންޑޭޝަންތައް ވެސް ހުށަހަޅާނެ ކަމަށެވެ.

އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އިކުއަލިޓީއާ ގުޅޭ ކޯހެއް ވެސް ހިންގުމަށް ހަމަޖެހިފައިވާއިރު މިކަންތައްތަކުގެ މައުލޫމާތު އެޗްއާރްސީއެމް ހާމަކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފުރުސަތަކުގެ ބޭނުން އާންމުން ހިފުމަށް އެދިވަޑައިގެންނެވިއެވެ.

އެޗްއާރްސީއެމުން މިއަހަރަށް ރާވާފައިވާ ކަންތައްތަކުގެ ތަފްސީލު ހިއްސާކޮށްފައިވާއިރު މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އަށް 543 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. 2022 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 996 މައްސަލައެކެވެ.

އާންމުގޮތެއްގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތަކާއި، އެންޓި ޓޯޗަރގެ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން ވަޒީފާއާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ކަމުގައި އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

- ކޮމެންޓް