ކ. މާލެ
|
8 މާރޗް 2023 | ބުދަ 09:49
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
މަޖިލިސް
ޑޮލަރުގެ މައްސަލަ
ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްއެމްއޭއިން ދަނީ ޑީ-ޑޮލަރައިޒޭޝަން ސްޓްރެޓަޖީއެއް އެކުލަވާލައި ފިޔަވަޅު އަޅަމުން - އަމީރު
 
ޓެކްސްގެ ބޭނުމަށް ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމުގައި އަމަލުކުރަންޖެހެނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްތަކާއި އެއްގޮތަށް
 
ބޭރު ފައިސާ ގަނެ، ޔަގީންކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ، މި ހަރަދު ޓެކްސް ފައިލްކުރުމުގައި ހިމެނުމުގައި ހުރަހެއް ނެތް

ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަނީ ޑީ ޑޮލަރައިޒޭޝަން ސްޓެރެޓަޖީއެއް އެކުލަވާލައި ފިޔަވަޅުތައް އަޅަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ.

ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާއިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15 ރުފިޔާ 42 ލާރީގެ ރޭޓުންނެވެ. ކަން ދިމާކުރިގޮތުން ޑޮލަރު ގަންނަން ލިބެނީ ބްލެކް މާކެޓުގައި ޑޮލަރަކަށް 17 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ދައްކައިގެންނެވެ. އެހެންކަމުން ވިޔަފާރިތަކުން ޓެކްސް ސަބްމިޝަންއަށް ހުށަހަޅަންޖެހެނީ އަސްލު ހަރަދުތައް ހިނގާ ވަރަށްވުރެ މަދުންނެވެ. މީގެ ސަބަބުން ވިޔަފާރިތަކުން އަސްލު ދައްކަން ޖެހޭ ވަރަށްވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހި، ވިޔަފާރިވެރިންގެ އަތުން ގިނަ ފައިސާތަކެއް ގެއްލިގެންދެއެވެ. މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އަޅާފައިވަ ފިޔަވަޅަކީ ކޮބައިތޯ؟
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލު

މިނިސްޓަރު އަމީރު ލިޔުމުން ފޮނުއްވި ޖަވާބު މަޖިލީހަށް އިއްވަމުން އަމީންއާއްމު ވިދާޅުވީ ޓެކްސްގެ ބޭނުމަށް ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމުގައި އަމަލުކުރަންޖެހެނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްތަކާއި އެއްގޮތަށް ކަމަށެވެ. ރަސްމީ ބޭންޑަށްވުރެ މަތީ ބޭންޑަކުން ވިޔަފާރިތަކުން ބޭރު ފައިސާ ގަނެ، ކޮސްޓް އޮފް ސޭލްސްގެ ތެރޭގައި މި ހަރަދު ހިމެނޭކަން ޔަގީންކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ، މި ހަރަދު ޓެކްސް ފައިލްކުރުމުގައި ހިމެނުމުގައި ހުރަހެއް ނެތް ކަމަށެވެ.

އަދި ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދަނީ ޑީ ޑޮލަރައިޒޭޝަން ސްޓެރެޓަޖީއެއް އެކުލަވާލާ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާއި ގުޅިގެން މެންބަރު އިބްރާހީމް ރަޝީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.

އަޅުގަނޑުގެ ސުވާލަކީ ޑީ-ޑޮލަރައިޒޭޝަން އެއީ ކޮންއިރަކުންތޯ؟ މި ދައުރު ނިމެނީ މިހާރު. ބާކީ އޮތީ 6 މަސް. މި ދައުރުގައި ކުރަންޖެހޭ ކަމެއް ކޮން އިރަކުންތޯ ޑީ-ޑޮލަރައިޒޭޝަން. ވިޔަފާރި ރުފިޔާއިން މުއާމަލާތް ކުރާނީ އަދި ގާނޫނު ހަދާނީ؟
މެންބަރު އިބްރާހީމް ރަޝީދު

މިކަމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކަން އަންނަނީ ކަމުގައި ޖަވާބުގައި ވިދާޅުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް