ކ. މާލެ
|
8 މާރޗް 2023 | ބުދަ 09:33
ޗެލްސީން ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ޗެލްސީން ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
އަމިއްލަ ދަނޑުގައި ޑޯޓްމަންޑު ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް
 
ދެ ވަނަ ލެގަށް ނުކުތްއިރު، ކުއާޓާގެ ޖާގަ ހޯދުމަށް ޗެލްސީ އަށް އޮތީ ދެ ލަނޑުގެ ފަރަގަކުން ޑޯޓްމަންޑު ބަލި ކުރުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގު ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް ޗެލްސީން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބު ކުރީ 1-0 އިން ޑޯޓްމަންޑު އެވެ. އަންގާރަ ދުވަހުގެ ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނުކުތްއިރު، ކުއާޓާގެ ޖާގަ ހޯދުމަށް ޗެލްސީ އަށް އޮތީ ދެ ލަނޑުގެ ފަރަގަކުން ޑޯޓްމަންޑު ބަލި ކުރުމެވެ. ޕްރެޝަރު ބޮޑު މެޗުގައި ޗެލްސީން ވަނީ 2-0 އިން މޮޅުވެ ޑޯޓްމަންޑު ކަޓުވާލައި ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ.

މެޗުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިން އެވެ. އެއީ މެޗުގެ 43 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ގޯލު އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ބާރު ބާރަށް އެ ޓީމުގެ ގޯލަށް ވައްދާލައިގެންނެވެ. އެ ބޯޅަ ހުއްޓުވުމަށް ޑޯޓްމަންޑުގެ ގޯލް ކީޕަރަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ. މެޗުން ޗެލްސީ މޮޅުކޮށްދިނީ ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ކައި ހަވާޓްޒް އެވެ. އެއީ ޑޯޓްމަންޑުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް