ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 10:45
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
މަޖިލިސް
ކުމުންދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުން
ކުމުންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިއްޖެނަމަ ނުރައްކާތެރި ކަންކަން ހިނގައިފާނެ - އިމްރާން
އަހަރުން އަހަރަށް ކުމުންދޫގައި ކުށްކުރުމުގެ ހާލަތު ގޯސްވަމުންދާކަމަށް ގަބޫލުކުރެވޭ އަދި ރިޕޯޓްތައްވެސް ލިބޭ

ކުމުންދޫގައި ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވި ލަސްވެގެން ދިއުމަކީ ނުރައްކާތެރި ކަންކަން ހިނގާފާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކުމުންދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދިއުމަކީ، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ދެކޭ ކަމަށެވެ. ސަބަބަކީ އެރަށުގެ ހާލަތު ބަދަލުވަމުންދާ ގޮތުން ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވި ލަސްވެގެން ދިއުމަކީ ނުރައްކާތެރި ކަންކަން ހިނގައިފާނެކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ މެންބަރާއި ކައުންސިލާއެކު ކުރެވޭ މަސައްކަތުން ތަނެއް ހަމަޖެހިގެން ދިއުމާއެކު ހިދުމަތް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ އިތުރުން ފުލުހުންގެ ގާނޫނުގެ ތެރެއިން ފުލުހުންނާއި ކައުންސިލްތަކާއެކުގައި ރަށުގެ އަމާންކަން ބެލެހެއްޓުމާއި، ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ. އޭގެ ދަށުން ނެއިބަރހުޑް ޕޮލިސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަހަރުން އަހަރަށް ކުމުންދޫގައި ކުށްކުރުމުގެ ހާލަތު ގޯސްވަމުންދާކަމަށް ގަބޫލުކުރެވޭ އަދި ރިޕޯޓްތައްވެސް ލިބޭ. އަޅުގަނޑުމެންނަށް އޮތީ ކުމުންދޫގައި ތަނެއް ލިބުމުގެ މައްސަލަ. 2020ން ފެށި މަސައްކަތުން ކުމުންދޫ ފިޔަވައި އެހެން ހުރިހާތަނެއްގެ ގާއިމް ކުރެވިފައިވަނީ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ކުމުންދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ކުމުންދޫގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް އެންމެ ފުރަތަމަ މަޝްވަރާކޮށްފައިވަނީ 10 އޮކްޓޯބަރު 2020 ގައި ކަމަށެވެ. ގާތްގަނޑަކަށް އޭގެ 2 އަހަރެއްހާ ދުވަސް ވެގެން ދިޔައިރުވެސް އެ މަސައްކަތް ނިންމާ ނުލެވި އަދިވެސް ކުރިއަށްދާ ސަބަބަކަށް ވަނީ، ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ކުމުންދޫން އެކަށީގެންވާ ޖާގައެއް ނުލިބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާންމު ގޮތެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ގެންގުޅޭ އުސޫލަކީ، ރަށު ކައުންސިލާއެކު މަޝްވަރާކޮށްގެން ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ތަނެއް ލިބޭތޯ ބެލުން ކަމަށެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ލިބޭތޯ މަސައްކަތް ކުރުން ކަމަށާއި، އެފުރުސަތު ނެތްކަމުގައިވާނަމަ އެކަށީގެންވާ އަގެއްގައި ކުއްޔަށް ހިފައިގެން ފުލުހުންގެ ހިދުމަތް ގާއިމްކުރުން ކަމަށެވެ. އަދި ކުރެވުނު މަޝްވަރާތަކުން އެނގުނީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެފަދަތަނެއް ނެތްކަމެވެ.

އެކަށީގެންވާ ތަނެއް ނެތުމުން، 3 ފަހަރެއްގެ މަތިން އަޅުގަނޑުމެން އިއުލާންކުރިން ތަނެއް ހޯދަން. ފުރަތަމަ ފަހަރު ހުށަހެޅި ފަރާތުން ހުށަހެޅީ ވަރަށް ބޮޑު އަގެއް. އެހެންވީމާ އެތަނުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވެން ނެތްކަމަށް ނިންމީ އަގުބޮޑުވެގެން. ދެވަނަ ފަހަރަށް އިއުލާން ކުރުމުން ވެސް އެއްވެސް ފަރާތަކުން ކުރިމަތި ނުލާ. އޭގެ ފަހުން އަނެއްކާ ވެސް ކައުންސިލްގެ ފަރާތުން ވާހަކަ ދެކެވިގެން، 2 ކޮޓަރީގެ އިމާރާތެއް ހުރިކަމަށް ވިދާޅުވޭ. އެތަނުގެ ވެރިފަރާތުން އެތަން މަރާމާރުކޮށްގެން ކުއްޔަށްދީގެން ކުރިއަށް ގެންދެވިދާނެކަމަށް. އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުން އެ އިމާރާތުގެ އެހެން ބައެއްގައި އާއިލާގެ ބައެއް އުޅޭކަމަށް މައުލޫމާތު ލިބޭ. އެހެންވީމާ އަނެއްކާ ވާހަކަ ދައްކަން ޖެހިފައި އޮތީ، ފުލުހުންނަށް އެއްބައި ކުއްޔަށްދީފައި، އަނެއްބައިގައި އާއިލާ އުޅޭކަމުގައިވާނަމަ، ފުލުހުންގެ ހިދުމަތް ގާއިމްކުރަން އެންމެ ރަނގަޅުތަނެއް ނޫންކަމަށް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ މުޅި މި މައްސަލަ ގޮސް ހުއްޓޭ ހިސާބަކީ ހިދުމަތް ގާއިމުކުރުމަށް އެކަށީގެންވާ ތަނެއް ނުލިބުމުގެ މައްސަލަ ކަމަށެވެ. އަދި މިކަމުގައި ދާއިރާގެ މެންބަރު ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ކައުންސިލަށް އެހީތެރިކަން ދެއްވާ ކަމަށެވެ. އެހެންނަމަވެސް ތަނެއް ލިބުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިކަމުގައި އަދިވެސް މެންބަރުގެ އެހީތެރިކަމާއި ކައުންސިލްގެ އެހީތެރިކަން ދެވިއްޖެނަމަ އެކަން ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް