މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ގދ. ވާދޫއިން ހޯދައިފިއެވެ.
މި ޒޯންގެ ޗެމްޕިއަންކަން ވާދޫއިން ހޯދީ ފައިނަލްގައި ލ. ގަން ބަލިކޮށްގެންނެވެ. ފައިނަލް މެޗު ވާދޫއިން ކާމިޔާބުކުރީ 3-1ންނެވެ. ވާދޫއިން މެޗު ކާމިޔާބުކުރީ ގަމުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި ގަމަށް ލީޑު ނަގައިދިނީ އަހުމަދު ހަލީމެވެ. ވާދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ނާއިލެވެ. އޭގެ ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ މުސައްނިފް މުހައްމަދެވެ. ވާދޫގެ ތިންވަނަ ލަނޑު ޖެހީ އިބްރާހީމް ޝައުފެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާދޫގެ މުސައްނިފެވެ. މި ޒޯންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ގަމުގެ ހަލީމެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން ވާދޫގެ އަޔާޒް އަހުމަދު (އަޔާ)އެވެ. ގަދަ 16ގެ ބުރުގައި ވާދޫ ކުޅެން ޖެހޭނީ ޒޯން ހަތަރެއްގެ ފައިނަލުން ބަލިވާ ޓީމަކާ ދެކޮޅަށެވެ.
އެހެން ފައިނަލްތަކަށް ބަލާއިރު، ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ ނައިވާދޫއިންނެވެ. އެއީ ފައިނަލްގައި ށ. ކަނޑިތީމުގެ މައްޗަށް ކުރިހޯދައިގެންނެވެ. ޒޯން އަށެއްގެ ފައިނަލްގައި މާފަންނުން ވިލިމާލޭގެ މައްޗަށް ކުރިހޯދީ ޕެނަލްޓީގައި 5-3ން މޮޅުވެގެންނެވެ. އާދިއްތަ ދުވަހުގެ ރޭވެސް ޒޯން ފައިނަލް މެޗުތައް ކުޅޭނެއެވެ. އެ ތިން ފައިނަލަށްފަހު ދެން ޒޯން ބުރުގެ ކުޅުން ނިމޭނެއެވެ.