ކ. މާލެ
|
8 މާރޗް 2024 | ހުކުރު 12:04
އޭދަފުށިން، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލާލަނީ
އޭދަފުށިން، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލާލަނީ
އިމޭޖަސް.އެމްވީ
ގޯލްޑަން ފުޓްސަލް ޗެލެންޖު 2024
ގޯލްޑަން ފުޓްސަލް ޗެލެންޖު: ގަން ބަލިކޮށް، އޭދަފުށިން ތަށި އުފުލާލައިފި
މިއީ އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރި ފުރަތަމަ ފަހަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލްގައި ލ.ގަން ބަލިކޮށް، ބ.އޭދަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އޭދަފުށިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗު ފަށައިގެން އޭދަފުއްޓަށް ލީޑު ނަގައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މުޙައްމަދު ފާސިރު (ފާއްޓެ) އެވެ. ފުރަތަމަ ހާފުގައި ގަމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެ ޓީމަށް ފަރަގު ކުޑަ ކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ.

ދެ ވަނަ ހާފުގައި އޭދަފުއްޓަށް ތިން ވަނަ ލަނޑެއް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ސެންޓޭ ޖެހި ލަނޑެކެވެ. އޭގެ ފަހުން ގަމަށް ލިބުނު ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް އަނެއްކާ ވެސް ފަރަގު ކުޑަ ކޮށްދިނީ އަހުމަދު ޙަލީމް (އައްމަޑޭ) އެވެ. ނަމަވެސް ސެންޓޭ ވަނީ އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައި، ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

މިއީ އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2019 ވަނަ އަހަރު އޮތް މުބާރާތުގައި ފައިނަލްގައި ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލްގައި ބަލިވީ ތ.ތިމަރަފުއްޓާ ވާދަކޮށެވެ. މިއަހަރުގެ މުބާރާތުގައި އޭދަފުށިން ވަނީ ގަމުގެ އިތުރުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ވެސް ބަލިކޮށްފަ އެވެ.

- ކޮމެންޓް