ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް, ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފަރަގު ދެ ޕޮއިންޓަށް ކުޑަކުރި މެޗުގައިވެސް ފޮޑެން ވިދާލައިފިއެވެ.
ފޯމް ދަށްވެ, ފުރުޞަތު ލިބުން މަދުވެފައި ވަނިކޮށް, އެނބުރި ފޯމަށް އެޅި ފޮޑެން ވަނީ މިދިޔަ ތިން މެޗުގައިވެސް ތަފާތު ދައްކާފައެވެ. ނިއުކާސަލް އަތުން 2-0 ން މޮޅުވި މެޗުގެ ފުރަތަމަ ހާފްގައި ކުރި ހޯދައިދިނީވެސް ފޮޑެންއެވެ. ދެވަނަ ހާފްގައި ދެވަނަ ގޯލް ޖެހީ ބާނާޑޯ ސިލްވާއެވެ. އޭނާ ލަނޑު ޖެހީ ކުޅެން ނިކުތްތާ ދެވަނަ މިނިޓްގައެވެ. މެޗުގައި ލަނޑެއް ނުޖެހުނަސް ދެވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ހާލާންޑެވެ.
މިމޮޅު ޚާއްޞަވާ މުޙިއްމު ކުޅުންތެރިއަކީ ކީޕަރު އެޑާސަންއެވެ. މިއީ އޭނާ ސިޓީގައި, ޕްރިމިއަރ ލީގުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓި 100 ވަނަ މެޗެވެ. މިމޮޅާއެކު ސިޓީން ވަނީ 26 މެޗުން 58 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.