ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 14:36
މިފްކޯގެ ޖަޒީރާ ރީފަރ
މިފްކޯގެ ޖަޒީރާ ރީފަރ
މިފްކޯ
ފިޝަރީޒް މިނިސްޓްރީ
މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދެއް އެކުލަވާލައިފި
މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ދިނުމަށް، އައިސްޕްލާންޓްތައް އޮޕަރޭޓްކުރުމަށްވެސް ހުއްދަ ހޯދަންޖެހޭނެ

މަސްވެރިކަމާ ގުޅުންހުރި ހަރާތްތަކަށް ލައިސަންސް ނަގަން ޖެހޭ ގޮތަށާއި, ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުގައި ވަކި ހާލަތްތަކެއްގައި މިނިސްޓްރީގެ އޮބްޒަރވަރެއް ބެހެއްޓޭގޮތަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގަވާއިދެއް އެކުލަވާލައިފިއެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ މި ގަވާއިދަކީ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި، އެ ހަރަކާތްތައް ރާވައި، ހިންގައި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެކުލަވައިލި ގަވާއިދެކެވެ. މި ގަވާއިދު ހިނގާނީ، ކުރިން ކިރުވާފައިނުވާ ކަނޑުމަހުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، މަސް ގަންނަ ފެސިލިޓީއަކަށް ގަނެފައިވާ ނުވަތަ ކިރުވާފައިވާ މަސް އުފުލުމަށް ބޭނުންކުރާ ކެރިއަރ ނުވަތަ ރީފަރ ފަދަ އުޅަނދުފަހަރާއި، މަސްވެރިންނަށް އައިސް ވިއްކުމަށް އައިސްޕްލާންޓް ގާއިމުކޮށް ހިންގާ ފަރާތްތަކަށެވެ.

މި ގަވާއިދުގެ ދަށުން، މަސްކިރުވާ ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކިރުވާފައިނުވާ ކަނޑުމަހުގެ ބާވަތްތައް، މަސްވެރިކަންކުރާ އުޅަނދުފަހަރުން ސީދާގޮތެއްގައި ގަތުމަށްޓަކައި، ނުވަތަ ބަރުކުރުމަށްޓަކައި، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި އޮޕަރޭޓްކުރާ މަސްކިރާ އުޅަނދުފަހަރު ނުވަތަ ކަލެކްޓަރ އުޅަނދު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓްކުރުމުގެ ހާއްސަ ލައިސަންސް ނަގަން ޖެހޭނެއެވެ. އަދި މަސް އެކްސްޕޯޓްކުރުމަށް ނުވަތަ އެއް ބަނދަރުން އަނެއް ބަނދަރަށް ނުވަތަ އެއް ފެސިލިޓީން އަނެއް ފެސިލިޓީއަށް ގެންދިއުމަށް ބޭނުންކުރާ ކެރިއަރު ނުވަތަ ރީފަރ އުޅަނދު އޮޕަރޭޓްކުރުމަށް ވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.

މީގެ އިތުރުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ދިނުމަށް އައިސްޕްލާންޓްތައް އޮޕަރޭޓްކުރުމަށް ވެސް މި ގަވާއިދުގެ ދަށުން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާނީ ދިވެހި ފަރުދެއް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ޝަހުސެއްގެ ނަމުގައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި މިނިސްޓްރީން ލައިސަންސް ދީގެން ހިންގާ ޕްރޮސެސިންގ ފެސިލިޓީއެއްގެ ނަމުގައި ރަޖިސް ޓަރީކޮށްފައިވާ، އަދި އެ ފަރާތުން އޮޕަރޭޓްކުރާ އުޅަނދުތަކަށެވެ. އަދި މި އުޅަނދުތަކުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓަމެއް ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްތައް މުއްދަތު ހަމަވުމުން އައުކޮށްދިނުމުގައި، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތުގައި ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރާނެއެވެ. މި ލައިސަންސަށް އެދި ހުށަހަޅަން ޖެހޭނީ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް "ކެޔޮޅު" ސޮފްްވެއަރ މެދުވެރިކޮށެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ އުޅަނދެއްގައި އޮބްޒަރވަރެއް ބެހެއްޓުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދެއެވެ. އެގޮތުން، އުޅަނދެއްގައި އޮބްޒަރވަރެއް ބެހެއްޓުމަށް މިނިސްޓްރީން ބޭނުންވާ ހާލަތެއްގައި، މަދުވެގެން 48 ގަޑިއިރުގެ ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތަށް އެކަމުގެ ނޯޓިސް ދޭނެއެވެ. އަދި އުޅަނދުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ދޭ ހާއްސަ ހުއްދައިގެ ދަށުން، މިނިސްޓްރީން ކަނޑައަޅާ އޮބްޒާވަރެއްގެ ހާޒިރުގައި މަސް ގަތުމުގެ ނުވަތަ މަސް ބަރުކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ މި ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ތަކުރާރުކޮށް ގަވާއިދާ ހިލާފުވާނަމަ ލައިސަންސް ބާތިލުކޮށް، އާ ލައިސެންސެއް ދޫނުކޮށް ހިފެހެއްޓުމުގެ ބާރުވެސް މިނިސްޓްރީއަށް ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް