ހަފުތާ ބަންދާ ދިމާކޮށް ތަފާތު ކަމެއް ކޮށްލުމަކީ ގިނަ ބަޔަކު ކަނޑައަޅާ އަމާޒެކެވެ. އަމަލީގޮތުން އެކަން ހާސިލު ކުރުމުގައި ކުރި ހޯދަމުން އަންނަ އެއް ބަޔަކީ، އެކުވެރި އަރަބި އިމާރާތް (ޔުއޭއީ)ގެ "ޑްރޯ އަ ސްމައިލް" ޖަމްއިއްޔާގެ މެންބަރުންނެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ މި ޖަމްއިއްޔާއިން ހަފުތާ ބަންދާ ދިމާކޮށް އިންތިޒާމްކުރާ ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވެއެވެ. މި ގުރޫޕުގެ މަސައްކަތަކަށް ވަނީ ތާޒާ ކާނާއާއި މޭވާ އަދި ޖޫސް ބަންދުކޮށް، ބޭނުންޖެހިފައިވާ މީހުންނަށް އެ ޕެކްތައް ފޯރުކޮށްދިނުމެވެ.
"ޑްރޯ އަ ސްމައިލް" ޖަމްއިއްޔާއިން މިފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު އެއް މަގުސަދަކީ، ރަނގަޅު ކެއުމެއް ދީގެން ކޮންމެވެސް ބައެއްގެ ދުވަސް އުޖާލާކޮށްދިނުމެވެ. އަނެއް މަގުސަދަކީ، މުޖުތަމައުގެ ކަންކަމުގައި ހިލޭ ސާބަހަށް ޚިދުމަތްކުރުމުގެ މުހިންމުކަން، ކުޑަކުދިންނަށް އަންގައިދީ، އެކުދިންގެ ކިބާގައި އެ އާދަ އަށަގެންނެވުމެވެ. ހަރަކާތުގައި ބައިވެރިވާ ވޮލަންޓިއަރުންގެ ވާހަކަތައް އަޑުއަހާލުމުން، މަގުސަދު ހާސިލުވަމުން ދާ ކަމުގެ އިހުސާސް ކުރެވެއެވެ.
އަސްލު އަހަރެން ވަރަށް އުފާވޭ، އެއީ އެމީހުން ހިނިތުންވެލާތަން ފެނުނީމަ. ކާބޯތަކެތި ބަލައިގަންނަނީ އުފަލާއެކީ. އެހެންވެ، ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގެ އިހުސާސް އަހަންނަށް ކުރެވޭ. އަމިއްލަ ނަފުސާ މެދުވެސް ހިތްހަމަޖެހުން ލިބިދޭ.އަޝްތުރާ ކަރްމާ؛ "ޑްރޯ އަ ސްމައިލް" ޗެރިޓީގެ ވޮލަންޓިއަރެއް
މި ހަރަކާތުގެ ފެށުން އައީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މުގުލުގައި ހުރީ އަހުމަދު މުހައްމަދު އަލީއެވެ. މިކަން ފެށިގެން އައީ ހޫނު މޫސުމުގެ ދުވަސްވަރު، ރަތްދަކަ އަވީގެ ގަދަ ހޫނުގައި ލޯބޯ ފިއްސައިގެން ޑެލިވަރީ މަސައްކަތުގައި އުޅުނު ޑްރައިވަރުންނަށް ފިނިފެނާއި ޖޫސް ބެހުމަށް ހިންގި ހަރަކާތެއްގެ ގޮތުގައެވެ.
ބަދަލެއް ގެނެސްދޭން އަބަދުވެސް އަހަރެންގެ ހިތް އެދި ގޮވާ. މިކަން ކުރަން ނިންމީވެސް އެހެންވެ. އެހެންވެ އަހަރެން ނިންމީ މުޖުތަމައު އެއްތަންކޮށް، ބަދަލެއް ގެނެސްދޭން. އެހެންވެ، އެކުވެރިން ކޮޅެއް އެއްކޮށްލައިގެން، އެ އެކުވެރިން އެމީހުންގެ އެހެން އެކުވެރިން ގެނެސްގެން އެމީހުން އެމީހުންގެ ދަރިންވެސް ބައިވެރިކޮށްގެން މިކަން ހިންގާލީ ހެޔޮ ނަތީޖާ ފެންނަ ވަރަށް.އަހުމަދު މުހައްމަދު އަލީ؛ "ޑްރޯ އަ ސްމައިލް" ޗެރިޓީގެ ޕްރޮޖެކްޓް މެނޭޖަރ
އަހުމަދު ބުނިގޮތުގައި ދެމަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ 25000 ފެން ފުޅިއާއި ޖޫސް ފުޅި، މަސައްކަތްތެރިންނަށް ބަހާފައެވެ.
އެއަށްފަހު، "ޑްރޯ އަ ސްމައިލް" ހަރަކާތް ވެފައި އޮތީ މުޅި އަހަރަށް ދެމިގެންދާ މަޝްރޫއަކަށެވެ. "ހިނިތުންވުމުގެ ޕާރުސަލް"ގައި ހިމެނެނީ ތާޒާ ކޭމެއްގެ އިތުރުން، ބޯ ފެނާއި، އެކި ކަހަލަ ބިސްކޯދުގެ އިތުރުން މޭވާއެވެ.
ވަރަށް އުފާވެރި އިޙުސާސެއް ކުރެވެނީ. ބައެއްގެ ދިރިއުޅުމަށް ބަދަލެއް ގެނެސްދެވޭތީ އަސްލު ވަރަށް އުފާވޭ. ސީދާ ސީދަލަށް މިކަން ތަޖުރިބާ މި ކުރެވެނީ. މީހުންނަށް އެހީވެދީ، އަނެކާ އުފާވާނެ ކަހަލަ ކަމެއް މިކޮށްދެވެނީ. ވަރަށް އުފާވޭ އަސްލު ހަމަ.ކިއަރާ ޕަރަކް؛ "ޑްރޯ އަ ސްމައިލް" ޗެރިޓީގެ ވޮލަންޓިއަރެއް
"ޑްރޯ އަ ސްމައިލް"އިން ދަނީ، ހިލޭ ސާބަހަށް މަސައްކަތް ކުރާ އެހެން ޖަމްއިއްޔާއެއް ކަމަށްވާ ފުޑް އޭޓީއެމްއާ ގުޅިގެން ކާމިޔާބު ހަރަކާތްތަކެއް ހިންގަމުންނެވެ.
ބޭނުން ޖެހިފަ ތިބި އެހެން މީހުންނަށް އެހީވެވުނީމަ ވަރަށް އުފާވެރި އިޙުސާސެއް ކުރެވެނީ. އަހަރެންގެ ދަރިންވެސް ތިބޭނެ. އެކުދިންގެ ކިބައިގަ އަށަގަންނުވަންވެސް މީ ރަނގަޅު އާދައެއް. މުޖުތަމައުގަ އެހީތެރިކަން ފޯރުކޮށްދޭން އެކުދިންނަށް އެބަ ދަސްކޮށްދެވޭ.ހަނާ ޔޫނިސް؛ "ޑްރޯ އަ ސްމައިލް" ޗެރިޓީގެ ވޮލަންޓިއަރެއް
ޓީމުގެ އަމާޒަކީ، ކޮންމެ ހަފުތާއަކުވެސް 300އެއްހާ "ސްމައިލް ޕެކް"، ބޭނުން ޖެހިފައިވާ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުމެއެވެ. ދުބާއީގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު، "ސްމައިލް ޕެކް" ލިބޭ ފަރާތްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ މީހުންނާއި، ސެކިއުރިޓީ ގާޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބަގީޗާތައް ބަލަހައްޓާ މީހުންނާއި، މުދާ އުފުލާ ޑްރައިވަރުންނާއި، ބޭނުން ޖެހިފައިވާ އެނޫންވެސް މީހުން ހިމެނެއެވެ. ޓީމުގެ ބުރަ މަސައްކަތުން މިހާރުވެސް 13000އްހާ ކޮތަޅުގެ އެހީ ވަނީ ބަހާފައެވެ.