ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 15:03
'ބްލޫމްސްޕޫން'ގެ އީޖާދު ގެނެސްދިނީ ސުފުރާ މައްޗަށް، ގޮދަން ގަހުގެ ހުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުލާއި ސަމުސާ ފަދަ ސާމާނު
ބްލޫމްސްޕޫން
އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
 
'ބްލޫމްސްޕޫން'ގެ އީޖާދުން 2 ގޮތަކަށް ގަސް ހެއްދޭ، އުލާއި ސަމުސާ ފަދަ ތަކެތި ހުރި ގޮތަށް ވެލިގަނޑަށް ހަރާލުން، އަނެއް ގޮތަކީ، އުލާއި ސަމުސާ ފަދަ ތަކެތީގެ ކޮޅުގައި ހުރި އޮށްތައް ވެލިގަނޑުގައި އިންދުން
 
މި ތަކެއްޗަކީ ބޭނުންކޮށް ނިމުމަށްފަހު ވެލިގަނޑުގައި ޖެހުމުން، ގަސް ފަޅާ އުލާއި ސަމުސާތަކެއް، ކެއުމުގައި ބޭނުން ކުރާ އެކި ކަހަލަ ހަވާދުގެ ފަތްޕިލާވެއްޔާއި، ތަރުކާރީ ގަސްތައް ފަޅާ

އާންމު ދިރިއުޅުމުގެ އާދާތަކަކީވެސް ދެމެހެއްޓެނިވި ތަރައްޤީގެ ރާސްތާއިން ކަސިޔާރުވުމެއް ނެތް އާދަތަކަށް ހެދުމަށް މަސައްކަތް ކުރާ ބަޔަކު އުޅެއެވެ. އެފަދަ ފަރާތްތަކުން ދަނީ އަނެކާގެ ޝަޢުޤާއި ސަމާލުކަން ދަމައިގަންނަ ފަދަ ގޮތަކަށް، ދެމެހެއްޓެނިވި ތަރައްޤީގެ ރާސްތާއަށް މުޖުތަމަޢު އަހުލުވެރި ކުރުވުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ފިސާރި ފޮނިވެފައި ހިތްގައިމެވެ. އެހާމެ ޝަޢުޤުވެރިވެސްމެއެވެ. ދުބާއީގެ ޒުވާން ކުންފުންޏެއް ކަމަށް ވާ 'ބްލޫމްސްޕޫން' އަކީ އާންމު ދިރިއުޅުމާއި ދެމެހެއްޓެނިވި ތަރައްޤީ ބެދޭ ހަތަރު އަނގޮޅިއަށް، އާދަޔާ ޚިލާފު އީޖާދެއް ތަޢަރަފުކޮށްދިން ކުންފުންޏެކެވެ.

'ބްލޫމްސްޕޫން'ގެ އީޖާދު ގެނެސްދިނީ ސުފުރާ މައްޗަށެވެ. ގޮދަން ގަހުގެ ހުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުލާއި ސަމުސާ ފަދަ ސާމާނެވެ. މިހެން ދެންނެވުމުން، އެއީ އާދަޔާ ޚިލާފު އީޖާދަކަށް ނުވެދާނެއެވެ. މިހާރުވެސް އެފަދަ އެތައް ބްރޭންޑެއް ބާޒާރުން ލިބެން އެބަހުއްޓެވެ. ނަމަވެސް، 'ބްލޫމްސްޕޫން'ގެ ގޮދަން ހުއި އުލާއި ސަމުސާ ހާއްސަ ވާ ސަބަބެއް އެބަ އޮތެވެ. މި ތަކެއްޗަކީ ބޭނުންކޮށް ނިމުމަށްފަހު ވެލިގަނޑުގައި ޖެހުމުން، ގަސް ފަޅާ އުލާއި ސަމުސާތަކެކެވެ. ކެއުމުގައި ބޭނުން ކުރާ އެކި ކަހަލަ ހަވާދުގެ ފަތްޕިލާވެއްޔާއި، ތަރުކާރީ ގަސްތައް ފަޅައެވެ.

'ބްލޫމްސްޕޫން'ގެ އީޖާދުން 2 ގޮތަކަށް ގަސް ހެއްދެއެވެ. ފުރަތަމަ ގޮތަކީ އުލާއި ސަމުސާ ފަދަ ތަކެތި ހުރި ގޮތަށް ވެލިގަނޑަށް ހަރާލުމެވެ. އަނެއް ގޮތަކީ، އުލާއި ސަމުސާ ފަދަ ތަކެތީގެ ކޮޅުގައި ހުރި އޮށްތައް ވެލިގަނޑުގައި އިންދުމެވެ. 'ބްލޫމްސްޕޫން'ގެ ހުރިހާވެސް މަގުސަދަކީ، އާންމު ދިރިއުޅުމުގެ އާދަކާދައިގެ ތެރެއިން ދެމެހެއްޓެނިވި ޘަޤާފަތް ދިރުވުމެވެ.

'ބްލޫމްސްޕޫން'ގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑައިރެކްޓަރ، މުސްޠަފާ ޚައްޠާބު ބުނި ގޮތުގައި އެ ކުންފުނީގެ އުފެއްދުންތަކަކީ، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނެ އުފެއްދުންތަކެއް ކަމަށާއި، އެންމެ މަދުވެގެން 5 އަހަރެއްހާ ދުވަހު ބޭނުން ކުރެވޭނެ ކަމަށެވެ.

މި ސާމާނު ތަކުރާރުކޮށް ބޭނުން ކުރަމުން ދެވޭނެ 5 އަހަރު ވަންދެން. އަސްލު ބޭނުމެއް ނެތެވެ. އެއް ފަހަރު ބޭނުންކޮށްފަ އުކާލުމަކީ އަހަރެމެންނަށް މާ ކަމުދާ ޘަޤާފަތެއް ނޫން. އެހެންވީމާ، ޕްލާންޓަބަލް ކަޓްލަރީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އެއީ. އަހަރެމެން ބޭނުންވަނީ ސިންގަލް ޔޫސް ޕްލާސްޓިކްތަކާ ދެކޮޅަށް މަސައްކަތް ކުރަން، މިއަށްވުރެ ދެމެހެއްޓެނިވި ބަދަލެއް ފޯރުކޮށްދޭން.
މުސްޠަފާ ޚައްޠާބު؛ 'ބްލޫމްސްޕޫން'ގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑައިރެކްޓަރ

ދުބާއީގައި ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމެއްގައި ޚައްޠާބު ވަނީ 'ބްލޫމްސްޕޫން'ގެ އީޖާދުތައް ދައްކާލާފައެވެ.

އަހަރެމެންގެ މައިގަނޑު ކޮންސިއުމަރުންނަކީ، ޑެލިވަރީގެ ހިދުމަތާއި ޓޭކްއަވޭ އަށް ޚާއްޞަ ރެސްޓޯރެންޓްތަކާއި ކެފޭތައް. އާދައިގެ ޕްލާސްޓިކް އުލާއި ސަމުސާ އެއްޗެހި މި ގޮސް ނިމެނީ ކޮންމެވެސް ކުނިގޮނޑަކަށް. އެކަމަކު އަހަރެމެން ބޭނުންވަނީ ދެމެހެއްޓެނިވި އާދައެއް، ގަސްއިންދުން ކަހަލަ ވެއްޓާ ރައްޓެހި ސުލޫކެއް ޕްރޮމޯޓް ކުރަން.
މުސްޠަފާ ޚައްޠާބު؛ 'ބްލޫމްސްޕޫން'ގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑައިރެކްޓަރ

ކާބޯތަކެތި ތައްޔާރުކޮށް، ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިނާޢަތުގެ މަސްހޫލުވެރިންނަށް ޢަމާޒުކޮށް، ޚައްޠާބު ދިން ތަޢާރަފުގެ މައިގަނޑު މަގުސަދަކީ، ކާބޯތަކެތީގެ ޚިދުމަތުގެ ސިނާއަތުން، 'ބްލޫމްސްޕޫން'ގެ އީޖާދުތައް ބަލައިގަތުމެވެ. ބައްދަލުވުމުގެ ބައިވެރިންގެ ޚިޔާލުވެސް ހުރީ އެދެވޭ ފަދަ މޭރުމަކުންނެވެ.

މިތަނުން ޤަބޫލުކުރާ އެންމެ ބޮޑު އެއް ކަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ފަލްސަފާ. އެއީ ހުރިހާ އެއްޗެއް އަލުން ބޭނުންކުރުން އެކަންޏެއް ނޫން. ކާބޯތަކެތި އިސްރާފުވުމަށް މަގުފަހިވާ ކުދިކުދި ކަންތައްތައް، އެއީ ހަގީގީ ކާބޯތަކެތީގެ އިސްރާފު ކަމުގައި ވިޔަސް ނުވަތަ ބޭނުންކުރާ ތަކެތި ކަމުގައި ވިޔަސް، ބަދަލުވާން ޖެހޭ. އޭރުން ރަނގަޅު ރާސްތާއަކުން ދެވޭނީ. ބްލޫމްސްޕޫން... ހީވަނީ މޮޅު އުފެއްދުމެއްހެން، އެއީ ޕްލާސްޓިކް ކަޓްލަރީގެ މައްސަލަ ހައްލުކޮށްދޭ އެއްޗެއް، އެއީ މިވަގުތު ވަރަށް ބޮޑު މައްސަލައެއް، ޕްލާސްޓިކް ހޮޅިއާއި، ޕްލާސްޓިކް އުލާއި ސަމުސާ މީ ހަމަ ކުނިގޮނޑުތަކުން ނިމޭ އެއްޗެހި. ބަގީޗާ ހައްދަން ލޯބި ނުކުރާނީ ކާކު؟ އަހަރެމެން މިހާރުވެސް މި ތިބީ މިތަނުގެ ބަގީޗާގަ. މިހާރުވެސް މިއުޅެނީ ބްލޫމްސްޕޫން ޖަހައިގެން ބޭސިލްގެ އިތުރުން މިންޓް، މިރުސް އަދި ޗައިވްސް ހައްދައިގެން. އަހަންނަށް ހީވަނީ ވަރަށް ފައްކާކަމެއްހެން މީ.
ޒެކަރީ ރޯއީ؛ ރެސްޓޯރަންޓް މެނޭޖަރެއް

އަޖްމަން ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެއް ދައްކާ ގޮތުން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި އަހަރެއްގެ މައްޗަށް 6.5 މިލިއަން ޓަނުގެ ކުނި އުފައްދައެވެ. އަދި ކުނި މެނޭޖްކުރުމާއި ކުނި މަދުކުރުމަށް ވެސް ތަފާތު އިސްތިރާޖުތަކެއް ޔޫއޭއީއިން ގެންގުޅޭކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އާންމު ދިރިއުޅުމުގައި އުފެދޭ ހުރިހާ ކުންޏެއް، ގޮނޑުތަކަށް އުކާލުމުގެ ބަދަލުގައި، 75 ޕަސެންޓް ރީސައިކަލް ކުރުމަށް އެ ޤައުމުން ޢަމާޒު ހިފާ، އެ މިޞްރާބަށް ދަތުރު ކުރާކަން ފާހަގަ ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް