އަހަރެމެން އިންސާނުންގެ ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުން ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ކަމުގައި ވީ ނަމަވެސް، ބައެއް މީހުންނަށް އެ އަޑުތައް ނުއިވޭ ފަދައެވެ. ނުފެންނަ ފަދައެވެ. ބޮޑުވަރިހަމައިގައި ހުރިހާ ދޫކޮށްލައިގެން ތިއްބެއްކަމަކު، ޒިންމާދާރު ކަމާއެކީ ވެށި ޙިމާޔަތް ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންވެސް އުޅެއެވެ.
މިދިޔަ ނޮވެމްބަރު މަހު ހޮވާ، އެއްކޮށް ހަތަރު ޓޭންކެއްގައި ހައްދާ، ބޮޑުވަމުން އަންނަ މުރަކަތައް ގާތުން މޮނިޓަރ ކުރަމުގެ މަސައްކަތުގައި އޭނާގެ މުޅި ދުވަސް އަޙްމަދު ޙަމްދީ ހޭދަ ކުރަނީ ނުހަނު ޝަޢުޤުވެރި ކަމާއި އެކުގައެވެ. ދުބާއީގެ ކޮރަލް ވީޓާ ފާމްގެ މެނޭޖަރުގެ މަޤާމުގައި ހުރި ޙަމްދީ ދަނީ، ޢަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވަމުންނެވެ. މުޅި ދުވަސް ހޭދަކުރަނީ އެ މުރަކަތައް ކުދިކުދިކޮށް، އަނެއްކާވެސް އަލުން ޖޯޑުކޮށް އެއް ކޮށްގެން އާލާ ކުރުމުގެ މަސައްކަތުގައެވެ. ޙަމްދީ ބުނާ ގޮތުގައި އެ ފާމްގައި ބޭނުން ކުރަމުންދާ އެ އެކުޅުގެ ސަބަބުން، 50 ގުނަ ހަލުވި ދުވެލީގައި މުރަކަތައް ހެދިގަނެއެވެ.
މިހާރު މި ތައްޔާރު ކުރަނީ ކުކީޒް، އެއީ މުރަކަ އާލާވެ، ހެދިބޮޑުވާ ނިސްބަތާއި ދުވެލި ހަލުވި ކުރަން އަހަރެމެން ބޭނުން ކުރާ އުކުޅަކީ – އެހެން ވީމަ، މުރަކަ ކޮޅަކާ ޖެހި މުރަކަކޮޅެއް ވާ ގޮތަށް ބެހެއްޓީމަ، އެ މުރަކަތަކަށް ވަރަށް ފަސޭހަ މާޙައުލެއް އެ އުފައްދައިދެވެނީ. ލިބިފަ ހުރި ގެއްލުންތައް ފަސޭހަވާލެއް އަވަސްވޭ. އެއް މުރަކަކޮޅު، އަނެއް މުރަކަކޮޅާ ގުޅިލާމެހުމުގެ ޤާބިލުކަން ލިބިގެންވޭ އެ މުރަތަކަށް، އެހެންވެ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ ތަޞައްރަފު ފުދޭނެ މި މުރަކަތައް. ބައެއް ކަހަލަ މުރަކަ ހެދިބޮޑުވާލެއް ވަރަށް އަވަސް، އަނެއް ބައި ބާވަތްތައް ތަންކޮޅެއް ލަސްކޮށް އުޅެނީ. މުރަކަ ހެދިބޮޑުވާ މުއްދަތަށް ބަލާއިރު، 6 މަހުން، 12 މަހުން އަދި 24 މަހުން ބޮޑުވާ ބާވަތްތަކެއް މި ހުންނަނީ.އަޙްމަދު ޙަމްދީ؛ ދުބާއީ ކޮރަލް ވީޓާ ފާމްގެ މެނޭޖަރު
ހިކިފަސް ސަރަޙައްދެއްގައި ކޮރަލް ވީޓާއިން މުރަކަ އާލާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މުރަކަ ދިރުވާ އާލާ ކުރުމުގެ އާ މޮޑެލްއެއް ކަމަށް ވާ އެސިސްޓަޑް އިވަލޫޝަންގެ އޮނިގަނޑަށް ފައްތައިގެންނެވެ. އެސިސްޓަޑް އިވަލޫޝަންއަކީ ޙާލަތާއި މާޙައުލަށް، ޤުދުރަތީ ގޮތުން ދިރުންތައް އަހުލުވާ ދުވެލި އަވަސްކޮށްދިނެވި ފުރުޞަތެކެވެ. ޑީޕީ ވަރލްޑްއިން ފަންޑުކޮށްގެން ކޮރަލް ވީޓާގެ ގޮތްޕެއް ދުބާއީގައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ވިޔަފާރި އުސޫލުން ހިންގާ ކޮރަލް-ފާމިންގް މަޝްރޫޢަކީ، މުރަކައިގެ އެންމު ހިމުން ދިރުންތަކާ ހިސާބުން ފެށިގެންވެސް އެ ޢާބާދީ ސަލާމަތްކޮށް، އާލާވެ ހެދިބޮޑުވާ ދުވެލި އަވަސް ކުރުމަށް ފުރުޞަތު ދެނިވި މަޝްރޫޢެކެވެ. މި އުސޫލުން އެއްގަމުގައި އާލާ ކުރާ މުރަތައް ޢަރަބި ގަލްފް ކަނޑުގައި އިނދާ ހިސާބުން ފެތުރިގެންދާ ފަރުގެ ބާރު ގަދަވެ، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމުގެ ފުރުޞަތު އިތުރުކޮށްދެއެވެ.
އަހަރެމެން މިތަނުގެ ވެށި އަސްލު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ މި އޮންނަނީ، އެހެންވީމަ...މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވާން، މުރަކަތަކަށް އިތުރު ބާރެއް ލިބޭ. މި ނިޒާމަކީ ހުރިހާ ކޮޅަކުންވެސް ބައްދާލެވިފަ އޮންނަ ނިޒާމަކަށް ވާތީ، އަހަރެމެން އެބަ މިތަނުގެ ފިނިހޫނުމިނާއި އަލި ލިބޭ މިންވަރާއި، ރާޅުބާނިތައްވެސް ކޮންޓްރޯލް ކުރެވޭ. އެހެންވީމަ، އާންމު މާޙައުލެއްގަ ހެދިބޮޑުވާ މުރަކައަކަށްވުރެ ވަރުގަދަ މުރަކަ އެބަ އާލާ ކުރެވޭ މި ކަހަލަ ވެއްޓެއްގަ، އޭރުން، މި މުރަކަތަކަށް ޙަޤީޤަތުގަ ދިރިއުޅެވޭނެ ކަނޑުގެ ސަރަޙައްދުގަ.އަޙްމަދު ޙަމްދީ؛ ދުބާއީ ކޮރަލް ވީޓާ ފާމްގެ މެނޭޖަރު
ބަހާމާސް،، ފްލޮރިޑާ، ދުބާއީ އަދި ސަޢުދީ ޢަރަބިއްޔާގައިވެސް ކޮރަލް ވީޓާގެ ގޮފިތައް ހިންގާއިރު، 2023 ވަނަ އަހަރުގެ ތެރޭގައި، ކެރިބިއަން ކަނޑުގެ ސަރަޙައްދުގައި 30000 މުރަކަ އިންދާފައިވެއެވެ. އޭގެ އިތުރަށް، މުރަތަ 'އެޑޮޕްޓްކޮށް' އެ ފުރިހަމަ ޞިއްޙަތެއްގައި އެ މުރަކަ ހެދިބޮޑުވެ، އާލާވުމުގެ ފުރުޞަތު ފަހި ކުރެވޭނެ އިންތިޒާމުވެސް ކޮރަލް ވީޓާއިން ވަނީ ހަމަޖައްސާފައެވެ. ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް، މުރަކަކޮޅެއް އެޑޮޕްޓް ކުރެވިދާނެއެވެ.
މީ އަހަރެން މުރަކަކޮޅެއް އެޑޮޕްޓް ކުރި ކަމުގެ ލިޔުން. ވަރަށް ފަހުން މުރަކަކޮޅެއް މި އެޑޮޕްޓްކުރީ. މި އޮތީ، ޓަބް ތެރޭގަ އެ މުރަކަ ބޮޑުވަމުން އަންނަ މަންޒަރު ފެންނަ ފޮޓޯއެއް. އަހަންނަށް ހީވަނީ، މީ ވަރަށް މުހިންމު ޕްރޮގްރާމެއްހެން. ކޮންމެ މީހަކަށްވެސް އެބަ ލިބޭ ވިއްޔާ ކަނޑުގެ މުރަކަ ދިރުވާ އާލާ ކުރާނެ ފުރުޞަތު، ގަސްއިންދާ ހައްދާ އުޅޭހެން. މީ ކަނޑުގެ ދިރުންތަކަށް އެހީވާން ލިބޭ ފުރުޞަތެއް. އަމިއްލަ ނަފްސާއި، ޤުދުރަތީ ވެއްޓަށްވެސް ދެވޭ ހަދިޔާއެއް މީ. ކަނޑުގެ ސަރަޙައްދުގަ މުރަކަ އިންދާ ހައްދައިގެން އަހަރެމެންނަށްވެސް ކޮންމެވެސް ބަދަލެއް މި ދެވެނީ.ޝީބާ ރިސަން؛ މުރަކަ އެޑޮޕްޓް ކުރި މީހެއް
ދުނިޔެ ހޫނުވަމުންދާ ނިސްބަތް، 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި މިހާރުން މިހާރަށް ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2050 ވަނަ އަހަރު އަންނައިރު، 70 ޕަސެންޓާއި 90 ޕަސެންޓާ ދެމެދު މިންވަރަކަށް، ފަރުތަކުން ދިރޭ މުރަކަ ނެތި ދިއުމުގެ ފުރުޞަތު އެބަ އޮތް ކަމުގެ އިންޒާރު، ތިމާވެއްޓާ ބެހޭ އދގެ މަޝްރޫޢު (ޔުނެޕް) އިން ވަނީ ދީފައެވެ.