އިރެއްގައި ހަނަފަސް ސަހަރާއެއް ކަމަކު މިއަދު އެއީ ތަރައްޤީއާއި ތަހުޒީބުގެ ލާމަސީލު މިސާލެކެވެ. އިޖާދީ އަދި އިންޤިލާބީ އެތައް ކަމެއް އެތަނެއްގެ ތެރޭގައި ހިނގާ ވިޔަފާރީގެ ވަރުގަދަ މަރުކަޒެކެވެ. ދައްކަން މިއުޅެނީ ދުބާއީގެ ވާހަކައެވެ. އުސް އިމާރާތްތަކުން މަލަމަތި ނަލަކޮށްލާފައި އޮތެއް ކަމަކު، އެއީ ސަހަރާއެއް ނޫން ކަމަކަށް ނުވާނެއެވެ. ފަޅު ނޫނެއް ކަމަކު، އެއީ އަދިވެސް އިންތިހާއަށް ހޫނު ގަދަ ތަނެކެވެ. ނަމަވެސް، ސްރީލަންކާއަށް އުފަން މަރކް ރަނަސިންހައަކީ، ދުބާއީގެ އެ ގަދަ ހޫނުގަނޑުގެ ތެރޭގައި، ގަނޑުފެނުގެ މައުރަޒެއް ހިންގާ، ކުޅަދާނަ ފަންނުވެރިއެކެވެ.
ރަނަސިންހަގެ އައިސް ލައުންޖު ޒީނަތްތެރި ކޮށްފައި ވަނީ އެކި ބައްޓަންތަކާއި ސައިޒުތަކުގެ ގަނޑުފެނުގެ ފަރުމާތަކުންނެވެ. ވަކި މަސައްކަތަކީ، ވަކިތަނަކަށް އުފަންވީތީ، ނުވަތަ ވަކި ތަނެއްގައި ދިރިއުޅެން ޖެހުނީތީ، ނުވަތަ އެވެނިމިވެނި ވަޞީލަތްތަކެއް ފުރިހަމަ ވެފައި ނެތަތީ ނުކޮށް ދޫކޮށްލައިގެން ތިބެން ޖެހޭ މަސައްކަތްތަކެއް ނޫން ކަން، ރަނަސިންހަގެ އައިސް ލައުންޖުން ކިތަންމެ ހާ ރަނގަޅަކަށްވެސް ސާބިތު ކޮށްދެއެވެ.
އަހަރެން މިކަން ދަސްކުރީ ކުޑަ އިރު، މަށަކީ ކުރަހާ މީހެއް. ކުދި ދޫނި އެއްޗެހި ކުރަހާ ހަދާލަން. ދެން މި ދެވުނީ އެކިއެކި ހޮޓާތަކަށް. އެތަންތަނަށް ގޮސް، އެތަންތާ ހުރި އެކިއެކި ފަރުމާތައް މި ފެންނަނީ. އަހަރެން އަތަކު ނޯންނާނެ ގަނޑުފެނުގަ ކަނޑާ ނަގާ، ފަރުމާ ކުރުމާ ބެހޭ ޑިގްރީއެއް ނޫނީ އެކަހަލަ ސަނަދެއް އެއްޗެއް. މި މަސައްކަތަކީ، މީ ހަމަ އަހަރެންގެ ހިތުގަ އޮތް ޝަޢުޤާއި ލޯތްބާ ހެދި، އާ ކަންކަން ކުރަން އަމިއްލަ ނަފުސާ ގޮންޖެހުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް.މަރކް ރަނަސިންހަ؛ ގަނޑުފެނުގެ ފަރުމާތައް ކުރާ މީހެއް
ދުބާއީގެ އިންތިހާ ގަދަ ހޫނުގަނޑުގެ ތެރެއިން، ރަނަސިންހަގެ އައިސް ލައުންޖަށް ވަދެގެން ދާއިރު އެތަނުގެ ތެރެއިން ފެންނަ ކޮންމެ ފަރުމާއަކުންވެސް ދޭހަ ކޮށްދެނީ، އެކަމަށް ރަނަސިންހަގެ ހިތުގައި އޮތް ވަރުގަދަ ލޯތްބެކެވެ.
އެންމެ ހައިރާން ކުރުވަނިވި އެއް ކަމަކީ ކަސްޓަމަރުންގެ ފަރާތުން އެ ފެނިގެންދާ ލޯބި. ކަލޭމެންނަށްވެސް އެނގޭނެ، މީ މެދުއިރުމަތި. ގަނޑުފެނުގަ ކަނޑާނަގައިގެން ފަރުމާތައް މި ކުރަނީ ސަހަރާއެއްގަ މެދުގަ.މަރކް ރަނަސިންހަ؛ ގަނޑުފެނުގެ ފަރުމާތައް ކުރާ މީހެއް
ކޮންމެ ފަރުމާއެއްވެސް ނިންމާލާފައި ވަނީ އިންތިހާ ފަރުވާތެރި ކަމާ އެކީގައިކަމީ އޮޅުމެއް ނެތް ޙަޤީޤަތެވެ. ބޮޑު ގަނޑުފެންގަނޑުތަކުގައި އެކި ކަހަލަ ފަރުމާތައް ކުރުމުގެ މަސައްކަތަކީ، ރަނަސިންހަ އަމިއްލައަށް ދަސްކޮށް، ފައްކާ ކުރަމުން ދާ މަސައްކަތެވެ. ދުބާއީގެ ދޭސީންނާއި ފަތުރުންނަށްވެސް ޚާއްޞަކޮށް ރަނަސިންހަ ހިންގާ އައިސް ލައުންޖު، ނުވަތަ 'އިމްޕަލްސް ކްރިއޭޝަންސް އައިސް ސްކަލްޕްޗަރޒް' އިން ހޫނު ބުއިންތަކާއި ލުއި ކާނާގެ ބާވަތްތައްވެސް ލިބެން ހުރެއެވެ.
މި ފެނިގެންދަނީ އާދަޔާ ޚިލާފު ހުނަރެއް. މަށަށް ހީވަނީ މިހާރު އޭނަ އެ ފަރުމާ ކުރަނީ އަހެއްހެން. އަހަރަމެން ދުށިން، އޭނަ މީގެ ކުރިން ކޮށްފަ ހުރި މަސައްކަތްތައްވެސް. މަށަށް ހީވަނީ މިތަނުގެ ފިނިހޫނުމިން މިހާރު މިއުޅެނީ މައިނަސް 6 ޑިގްރީ ސެލްސިއަސްގަހެން. މިތަނުން ބޭރަށް ޖެހިލާއިރު، ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން އަރާ. މީ ވަރަށް ގޮންޖެހުން ބޮޑު ފިނިހޫނުމިނެއް. މިކަހަލަ ކަމެއް، އެހެން ތާކުން ނުފެންނާނެ، ހަމަ އަސްލުވެސް.ވަރުން ކަރާނީ؛ ރަނަސިންހަގެ މަސައްކަތް ބަލާލަން ގޮސް ހުރި މީހެއް
ގިނަ އެވޯޑްތަކެއްވެސް ހާސިލު ކޮށްފައި ވާ ރަނަސިންހަގެ ދިރިއުޅުން ދުބާއީއަށް ބަދަލު ކުރުމުގެ ކުރިން އޭނާ ވަނީ ބަހްރައިން އަދި މިޞްރުގައިވެސް ދުވަސްތަކެއް ހޭދަ ކޮށްފައެވެ. ގަނޑުފެނުގެ ފަރުމާތައް ކުރުމާއި، އެކިއެކި ހަފުލާތަކަށް ތަންތަން ޒީނަތްތެރި ކުރުމަށް ޚާއްސަ، އޭނާގެ އަމިއްލަ ކުންފުންޏެއް ހެދީ، ދުބާއީ ވަޒަންވެރިވުމަށް ފަހުގައެވެ.
ރަނަސިންހަ ކިޔައިދިން ގޮތުގައި މަސައްކަތުގެ މައިދާނުގައި އޭނާއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، އެތެރެއާއި ބޭރުގެ ފިނިހޫނު މިނުގައި ހުންނަ ބޮޑު ފަރަގެވެ.
ކޮންމެ އަހަރަކުވެސް އަހަރަމެން މި ފަރުމާކޮށް އާކޮށް ހަދަން. ކޮންމެ އަހަރަކުވެސް އެކި ތީމްތަކަށް ހަދަނީ. މެދުއިރުމަތީގަ މިކަހަލަ ކަމެއް ކުރުމަކީ ވަރަށް ޝަޢުޤުވެރި ކަމެއް. ބޭރުގަ ފިނިހޫނުމިން މިއުޅެނީ 50 ޑިގްރީގަ... މިތާ އެތެރޭގަ މައިނަސް 8 ޑިގްރީ ސެލްސިއަސް. އެއީ މި ވަޒީފާގެ ގޮންޖެހުންތަކުގެ ތެރެއިން ގޮންޖެހުމެއް. ގަދަ ހޫނުން ގަދަ ފިންޏަށް، ގަދަ ފިނިން ގަދަ ހޫނަށް... ވަރަށް ގަޔާވާ ކަމެއް މީ... ތެދެއް، މިތާ އެތެރޭގަ މާ ގިނަ އިރަކު މަޑުކޮށްލައިގެން ނުއެއް ހުރެވޭނެ. އާންމުކޮށް ފަރުމާއެއް ނިންމާލަން ނަގާނެ 2 ގަޑި، 3 ގަޑިއިރު ވަރު. އެހާ ހިސާބުން އަހަރަމެން ނަގަން 10 ވަރަކަށް 15 ވަރަކަށް މިނެޓުގެ ބުރޭކެއް. ހަށިގަނޑު ހޫނުކޮށްލާ ހަދައިގެން އަނބުރާ އައިސްގެ މަސައްކަތަށް އަންނަނީ.މަރކް ރަނަސިންހަ؛ ގަނޑުފެނުގެ ފަރުމާތައް ކުރާ މީހެއް
ރަނަސިންހަގެ ޢުއްމީދަކީ އިތުރު ބަޔަކަށް، ގަނޑުފެނުގައި ކަނޑާ ނެގުމާއި ފަރުމާ ކުރުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމެވެ. އަދި އޭނާއަށް ލިބިފައި ވާ، ގަނޑުފެނުގެ ފަރުމާތައް ކުރުމުގެ ހުނަރު، މުޅި ދުނިޔެއާއި ހިއްސާ ކުރުމަކީ އޭނާގެ މިއަދުގެ އަމާޒެވެ.