ސައުދީ އަރަބިއްޔާގެ ވިޔަފާރިން އިނގިރޭސި ކުލަބު ނިއުކާސަލް ގަނެފައިވާއިރު، މި ވިޔަފާރީގައި ސައޫދީ ސަރުކާރުގެ ބައިވެރިވުމެއް ނެތްކަން ކަށަވަރުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އަނެއްކާވެސް ގޮވާލައިފިއެވެ.
ނިއުކާސަލްގެ ޗެއާމަނަކީ ސައޫދީ އަރަބިއްޔާގެ ވިޔަފާރިވެރިޔާ އަދި މަހުޖަނު ޔާސިރު އައްރުމައްޔަންއެވެ. އޭނާއަކީ ނިއުކާސަލް ގަތް ކުންފުނި ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ސައޫދީ އަރަބިއްޔާގެ ސްވޮރިން ވެލްތު ފަންޑުގެ ގަވަރުނަރެވެ. މިއާއެކު މިހާރު އުފެދިގެން އުޅޭ ސުވާލަކީ; ނިއުކާސަލް ހިންގުމުގައި ސައޫދީ ސަރުކާރުގެ ސީދާ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ.
ސައޫދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ނިއުކާސަލް ގަތުމަށް ހުށަހެޅި ބިޑް ޕްރެމިއާ ލީގުން ގަބޫލުކުރީ ސަރުކާރުގެ ބައިވެރިވުން ނޯންނާނެކަމުގެ ޔަގީންކަން ދިނުމުންނެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ މި އެއްބަސްވުން ރޫޅާލާނެ ކަމުގެ ޔަގީންކަންވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ފަރާތުން ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ދީފައިވެއެވެ.
ނަމަވެސް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މިކަމާމެދު އަދި ވަކިއެއްޗެއް ނުބުނެ އެވެ.
ނިއުކާސަލް ގަތުމުގެ ބިޑް ޕްރެމިއާ ލީގުން ފުރަތަމަ ގަބޫލުނުކޮށް ދޫކޮށްލިއެވެ. އެއީ ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދުގެ ބައިވެރިވުމެއް އޮތުމުންނެވެ.
ނިއުކާސަލްގެ މައްސަލަ އަލުން ފެންމަތިވީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ގަތަރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ބިޑްކުރުމާއެކުގައެވެ.