މާލެ ސިޓީ ކައުންސިލުން ވިލިމާލެ އާއި މާލޭގައި ހިންގާ މާރުކޭޓުތަކުގެ ގޮޅިތަކުން ނަގަމުން އައި ކުލިތަކަށް ހަތަރު މަސް ދުވަހުގެ ލުޔެއް ދީފިއެވެ.
އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ނިންމާފައިވާ ގޮތުން ހަތަރު މަސް ދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މާލޭގެ މާރުކޭޓް ގޮޅިތައް ހިންގާ ފަރާތްތަކުގެ ކުލި 30 ޕަސެންޓް ކުޑަ ކޮށްދޭނެއެވެ.
މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް ވެސް އެ ޖަލްސާގައި މާލެ ސިޓީކައުންސިލުން ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.