ކ. މާލެ
|
1 މާރޗް 2023 | ބުދަ 08:58
ފާރިސް މައުމޫން
ފާރިސް މައުމޫން
ރާއްޖެއެމްވީ
ވެރިކަމަށް އައުން
ވެރިކަމަށް އައުމަކީ އަޅުގަނޑު އެހާ ޝައުޤުވެރިވާކަމެއް ނޫން: ފާރިސް
ހަޔާތުގެ ވަރަށް ބޮޑުބައެއްގައި ބައްޕާފުޅު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އަދާކުރެއްވިތަން ދެކިވަޑައިގެންނެވިން، އެއީ ފަސޭހަކަމެއް ނޫން

ވެރިކަމަށް ވަޑައިގަތުމަކީ އެހާ ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އެމްއާރްއެމްގެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ސޯޝަލް މޯއަށް ފާރިސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަޔާތުގެ ވަރަށް ބޮޑުބައެއްގައި ބައްޕާފުޅު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އަދާކުރެއްވި ކުރެއްވިތަން ދެކިވަޑައިގެންނެވި ކަމަށާއި އެއީ ފަސޭހަކަމެއް ނޫންކަމަށެވެ.

އެކަމަކީ އެތައް ލައްކަ މީހުންގެ މަސްލަހަތާއި ދުޅަހެޔޮކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ކޮނޑުގައި އެޅިފައިވާ ކަމެއް ކަމަށާއި އެއީ އިނާމެއްގެ ގޮތަށް ނުވަތަ މެޑަލްއެއް ގޮތަށް ހޯދާ ވަރުގެ ކަމެއް  ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ ޤައުމުގެ މުސްތަޤްބަލް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި ކަންކަމުގައި އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމަށްފަހު ފަހަތަށް ޖެހެން ޖެހުނު ވަގުތަކުގައި އޭނާ ވެސް ފަހަތަށް ވެސް ޖެހިވަޑައިގެންނެވި ކަމަށެވެ.

އެކި ވެރިކަންތަކުގައި ފުރިހަމައަށް ޒިންމާ އަދާނުކުރެވޭކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ރައްޔިތުންގެ ހާލަތު ރަނގަޅުވާން ޖެހޭ މިންވަރަށް ރަނގަޅު ނުވެ އޮތްތަން އެކި ވެރިކަންތަކުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

ހައްތަހާވެސް ސިޔާސީ ބޮޑެތި މީހުންގެ ނުވަތަ ފައިސާވެރިން ނުވަތަ އެހެން ވެސް މީހުންގެ މަސްލަހަތު ސަރުކާރުތަކުން ދަމަހައްޓާތަން މި ފެންނަނީ، ރައްޔިތުން އެދޭ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ވަކިކަމެއް ކުރާނަމޭ، ވަކިކަމެއް ނުކުރާނަމޭ ދަންނަވާކަށް ނެތިން
ފާރިސް މައުމޫން

އެހެން ސިޔާސީ ޕާޓީތައް ކުރިއަރުވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކަމަށާއި އެކަމަކު އެމްއާރުއެމުން އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށް ފާރިސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އަދި އެމްއާރުއެމްގެ މެންބަރުން ނޫން މީހުންގެ ހައްގުތަކެއް ވެސް ހުންނާނެ ކަމަށާއި އެމްއާރުއެމަކީ ހުރިހާ ދިވެހިންގެ މަސްލަހަތު ދަމަހައްޓާނެ ޕާޓީއެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް