ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ފާރިސް މައުމޫނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނޭޕާލްގެ މަސްރަހައް ފާރިސް އިޝާރާތް ކުރެއްވި އިރު، އެގައުމުގެ ޒުވާނުން ވަނީ ސަރުކާރުގެ ކަރަޕްޝަން އާއި ތަފާތު ކުރުންތަކާއި އަދި މީސް މީޑިއާ ބްލޮކް ކުރަން ނިންމި ނިންމުން ތަކާ މެދު ރުޅި އައިސް މަގުމައްޗަށް ނުކުމެ އެ ގައުމުގެ ސަރުކާރު ވައްޓާލާފައެވެ.
މުޒާހަރާތައް ހޫނުވުމާއި ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު ކަދްގާ ޕްރަސާދް ޝަރްމާ އޯލީ އިސްތިއުފާދެއްވީ އަންގާރަ ދުވަހުއެވެ.
ސަރުކާރުގެ ކޮރަޕްޝަނާ މެދު ހިތްހަމަ ނުޖެހިގެން ނުކުތް ޒުވާނުން ކުރި އިހުތިޖާޖުގައި ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން ހޯމަ ދުވަހު މަދުވެގެން 19 މީހުން ވަނީ މަރުވެފައެވެ.
އަންގާރަ ދުވަހު ކާފިއު އަމުރަށް ބެލުމެއް ނެތި މުޒާހަރާކުރި ފަރާތްތަކުން އެ ގައުމުގެ ޕާލިމެންޓް އިމާރާތަށް ވަދެ އިމާރާތުގައި ވަނީ ހުޅު ޖަހާފައެވެ. އޭގެ ކުރިން، މުޒާހަރާގެ ބައިވެރިން ވަނީ ޤައުމުގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ނެޕާލީ ކޮންގްރެސްގެ އޮފީހާއި ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކުގެ ގެތަކަށް ވަދެ ރޯކޮށް ގެއްލުން ދީފައިވެއެވެ.
Protestors beating the police in Nepal pic.twitter.com/DpooW7opdZ
— War & Gore (@Goreunit) September 9, 2025
ހޯމަ ދުވަހުގެ ރޭ ގެ ވަގުތެއްގައި، ސަރުކާރުން ސޯޝަލް މީޑިއާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އުވާލިއެވެ. މިކަމުގެ ސަބަބުން އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވެރިރަށް ކަތުމަންޑޫ އާއި އެހެނިހެން ސިޓީތަކުގައި ކުރިއަށް ދިޔަ "ޖެން ޒީ" މުޒާހަރާ އަށް މަގުފަހިވެގެން ދިޔައެވެ. ފިޔަވަޅުތައް އުވާލުމުން ވެސް މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ސަރުކާރު އިސްތިއުފާ ނުދެނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.
ނޭޕާލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާ ގޮތުގައި މުޒާހަރާތަކާ ގުޅިގެން ކަތުމަންޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ވަނީ ވަގުތުން ބަންދުކޮށްފައެވެ.