ދިވެހި ސަރުކާރާއި، ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ސަރަޙައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަޙައްދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް އެދި ގޮވާލައި ހުށަހަޅާ ޤަރާރަށް ބަހުސްކުރައްވަމުން މެންބަރު ސައުދު ވިދާޅުވީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްޤީވަމުން ފުޅާވަމުންދާވަރަކަށް ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ފުޅާވަމުންދާ ކަމަށެވެ.
ސައުދު ވިދާޅުވީ ރާއްޖޭގެ ބަނދަރުތައް ލޮކޭޓް ކުރެވި ތަރައްޤީ ކުރެވެމުންދަނީ ފޯސްފުލް ޑިވެލޮޕްމަންޓެއްގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ. އަސްލު ބަނދަރު ބޭނުންވަނީ ކޮންތަނަކަށްތޯ، ދުނިޔޭގައި ރާއްޖެ އިންޑިއާ ކަނޑުގެ މެދުގައި އޮންނައިރު، ރާއްޖޭގައި ބަނދަރުތައް ގާއިމް ކުރެވި، އެ ބަނދަރުތައް ރަނގަޅު ގޮތުގައި އޮޕަރޭޓް ކުރެވެނީ ކޮން ހިސާބެއްގައިތޯ މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
އެ ދިރާސާނުކޮށް ކޮންމެވެސް ނުފޫޒް ގަދަ ބައެއްގެ ބޭނުންކޮށްގެން އެވެނި ތަނެއްގައި، މިވެނި ތަނެއްގައި ބަނދަރު ހަދައި ބަހައްޓާފައި ދެން މި އިމްޕްލިމެންޓް ކުރަނީ، ކަސްޓަމްސް ޑިއުޓީއަށް ކޮންމެވެސް ޕަސަންޓެއް އިންސެންޓިވެއް ދީގެން އެ ތަނަށް ގެންދާ ކޮންޓެއިނަރުން މިވެނި އެއްޗެއް މަދުކުރާ ވާހަކަ. އެހެންވީމާ، ބޯޓު ފަހަރެއް މި ބަނދަރު ތަކަކަށް ނުވެއްދޭ. މި ތަނަށް މި ދަނީ ކޮންޓެއިނަރ އުފުލާ ދޯނިފަހަރުތައް. ކޮންޓެއިނަރ ބޯޓް މި އަންނަނީ މާލެއަށް. ކޮންޓެއިނަރ ލޯޑް ކޮށްގެން އެ ބަނދަރަށް މި ގެންދަނީ ޑިއުޓީ އިންސެންޓިވްގެ އެޑްވާންޓޭޖް ހޯދުމަށްޓަކައި ވިޔަފާރިވެރިން އެ ގެންދަނީ އެ ސަރަޙައްދު ބަނދަރު ތަކަށް. ބޯޓެއް ނުދޭ. ސަރަޙައްދީ ބަނދަރު ތަކަށް ބޯޓެއް ނުގޮސް އެ ތަންތަނުން ކޮންޓެއިނަރ ކްލިއަރެންސް ޚިދުމަތް ދޭންވެއްޖެއްޔާ އެއަށްވުރެ މާ ރަނގަޅު ނޫންތޯ ބަނދަރެއް ނުބާއްވައި، އެ ތާނގައި ފަޅުތެރޭގައި އޮންނަ ފަޅަށް ވެސް ކޮންޓެއިނަރ ދޯނިފަހަރު ވަންނަން. އެހެންވީމާ، މި ސިޔާސަތުގެ މައްސަލަތަކެއް އެބަހުރި.ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
މެންބަރު ސައުދު ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އެކްސްޕޯޓް އޮޕަރޭޝަން ހިނގާ ބަނދަރަކީ، ގއ. ކޫއްޑޫގައި ގާއިމް ކުރެވިފައި އޮތް ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓުގައި ކަމަށެވެ. ދިވެހި ސަރުކާރަށް ދިވެހި ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަމެވެ. އަދި މި ނިމިގެން މިދިޔަ 2022 ވަނަ އަހަރު 53 ހާސް މެޓްރިކްޓަނުގެ މަސް އެ ޕޯޓުން އިންޓަރނޭޝަނަލް އެކްސްޕޯޓް ކެރިއަރު ބޯޓުފަހަރު، 20 ބޯޓަށް ލޯޑް ކޮށްގެން ޑައިރެކްޓް ކޫއްޑޫން ތައިލެންޑަށް ފުރާފައިވާ ކަމަށެވެ.
ޚިދުމަތްދޭ ކޮންމެ ފަހަރަކީ އިމިގްރޭޝަނުން އޮފިސަރަކު އަންނަން މާލެއިން ޓިކެޓް ނަގައިގެން ކޫއްޑޫއަށް އައިސް އެ ބޯޓުފުރުވައިލާފައި ކޮންމެ ފަހަރަކު އެ ދަނީ ފުރައިގެން. ކީއްވެތޯ އެތާނގައި އިމިގްރޭޝަން ގާއިމް ނުކުރެވެންވީ؟ ކޫއްޑޫގައި މިހާ ވަރުގަދަ އޮޕަރޭޝަނެއް ހިނގާ ޕޯޓް ބޭނުންކުރަނީ ހަމައެކަނި އެކްސްޕޯޓް ކުރުމަށް ޓަކައި. ހުވަދޫ އަތޮޅު ކުޑައީތޯ އިމްޕޯޓް އޮޕަރޭޝަން ކޮންޓެއިނަރގެ ޚިދުމަތް ގާއިމް ކުރުމަށްޓަކައި، ހުވަދޫ އަތޮޅު ކުޑައީތޯ؟ ހަމަ ސިޔާސަތުގެ މައްސަލައެއް މި އުޅެނީ. ކޫއްޑޫގައި އިންޓަރނޭޝަނަލް އޮޕަރޭޝަން ހިނގާ ޕޯޓެއް އޮތްކަން ސަރުކާރަށް ނޭނގެނުތޯ ނުވަތަ ދައުލަތަށް ނޭނގެނުތޯ މިވީހިސާބަށް؟ 1990ގެ ތެރޭގައި މި ޕޯޓު ހިންގައި އޮޕަރޭޓު ކުރަން ފަށާފައި މި ޕޯޓުން އެކްސްޕޯޓު އޮޕަރޭޝަން، ރާއްޖޭގައި ހިނގާ އެންމެ ވަރުގަދަ ޕޯޓް، ރާއްޖޭގައި ހިނގާ އެންމެ ވަރުގަދަ އެކްސްޕޯޓް އޮޕަރޭޝަން ހިންގަނީ ގއ. ކޫއްޑޫގައި ހުވަދޫ އަތޮޅުގައި. މި ޕޯޓަށް އިމްޕޯޓް އޮޕަރޭޝަން ހިންގޭނެ ދުވަހެއް އަދިވެސް ނާދޭ.ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
މެންބަރު ސައުދު ވިދާޅުވީ އިމްޕޯޓް އޮޕަރޭޝަން އިމްޕޯޓް ކުރުމަކީ އެ ޕޯޓަށް މަނާ ކަމެކެވެ. އެތަނަށް އިމްޕޯޓް ނުކުރެވެންވީ ކިއްވެގެންތޯ މެންބަރު ސުވާލު އުފެއްދެވިއެވެ. އައި.އެސް.ޕީ.އެސް ކޯޑަށް ޢަމަލުކުރާ، ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ބަލަހައްޓާ ޕޯޓަށް އިމްޕޯޓެއްނުކުރެވޭ ކަމަށާއި، ހަމައެކަނި އެކްސްޕޯޓް ކުރެވޭ ކަމަށެވެ. އެހެންކަމުން ސިޔާސަތު ތަކުގައި މައްސަލަ އެބަހުރި ކަމަށާއި، ރާއްޖޭގައި ގާއިމް ކުރެވިފައި އޮތް މިވަރުގެ ބޮޑު ފެސިލިޓީ އެއް އެތާނގައި އޮއްވާ އެ ތަނަށް އިމްޕޯޓް ނުކުރުމުން ހުވަދު އަތޮޅަށް އިމްޕޯޓް ކުރުމުގެ ދޮރު ބަންދުވެފައިވާ ކަމަށެވެ.
އެހެންވީމާ، ކޫއްޑޫގެ ޕޯޓަކީ އިންޓަރނޭޝަނަލް އިމްޕޯޓް އޮޕަރޭޝަނެއް ހިންގޭނެ، ކޮންޓެއިނަރ ސަރވިސް ގާއިމް ކޫރެވޭ ޕޯޓަކަށްވެގެން ނޫނިއްޔަކާ ރާއްޖޭގެ އިޤްތިޞާދު ފުޅައެއް ނުކުރެވޭނެ. އެ ތަނަކީ ވިހި ހާސް؛ އަހަރެއްގެ މައްޗަށް ފަންސާސް ހާސް ޓަނުގެ މަސް އެކްސްޕޯޓް ކުރާ ޕޯޓަކަށް ވެފައި އެތާނގައި ކޮންޓެއިނަރ އޮޕަރޭޝަން ނުހިންގޭ ކަމަށް ވަންޏާ މި ޕޯޓުގެ އެއްވެސް ބޭނުމެއް ނެތް. ބަލްކް ކެރިއަރތައް އެ ތަނަށް އައިސް ބަލްކު ކެރިއަރގެ އެކްސްޕޯޓް އޮޕަރޭޝަން މި ހިންގެނީ. އެހެންވީމާ، ދިވެހިރާއްޖޭގައި މިކަންކަން މި ހިނގަނީ ރަނގަޅު އަމާޒެއްގައި ރަނގަޅު ވިސްނުންތަކެއްކަން ޔަގީންކިރެވޭނީ މި ތަންތާނގައި މި ފެސިލިޓީސްތައް ގާއިމް ކުރެވި ހުވަދޫ އަތޮޅު ގައި ވެސް އެބަތިބި، ދެންމެ މިތާނގައި ވެސް ވާހަކަދެއްކި ގޮތަށް ވަރުގަދަ ވިޔަފާރިވެރިން އެބަތިބި.ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
ސައުދު ވިދާޅުވީ ވިޔަފާރިވެރިން ތިބީ އަތްފައި ބަނދެވިފައި ކަމަށެވެ. ވިޔަފާރިކޮށްލެވޭނެ މަގުތައް ތަނަވަސްވެފައި ނެތް ކަމަށާއި، އެފަދަ ޕޯޓުތަކުގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެއްޔާ ހަމަ ޔަގީނުން ވެސް ހުވަދު އަތޮޅު މާޒީއެއް އިއާދަވެ، ކުރީގަ އެ ހުރި މިންވަރުގައި ވިޔަފާރިތައް އުފެދި ފުޅާވެގެން ރާއްޖޭން ބޭރުން މުދާ އިމްޕޯޓް ކޮށްގެން ސަރަޙައްދީ ލެވަލްގައި ވިޔަފާރި ފުޅާވެގެންދާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.