ކަރަބޯ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ނިއުކާސަލް ބަލިވުން ދޫކޮށްލުމަށްފަހު އެ ޓީމުގެ ސަޕޯޓަރުން އަޅައިގަތީ ކީޕަރު ލޮރިސް ކާރިއަސް ލައްވައިގެން ހުރި އަންގި އަށެވެ.
ލިވަޕޫލްގެ ކުރީގެ ކީޕަރަކަށް މަލާމާތް ކުރަމުން އެއް ބަޔަކު ބުނީ އޭނާގެ މުށި ކުލައިގެ އަންގި އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން ގެނައި އެއްޗެއް ކަމަށެވެ. ޓުވިޓާގައި ހިޔާލުފާޅު ކުރި ސަޕޯޓަރަކު ސުވާލުކުރަމުން ބުނީ އޭނާގެ ކާފަ ބަގީޗާގައި ފަސް ޖަހަން ގެންގުޅޭ އަންގި ކާރިއަސް ލައިވައިގެން ހުރީ ކީއްވެ ކަމަށެވެ.
އަނެއް ބަޔަލު ބުނީ އެއީ ކާރާއި ސައިކަލް ފަދަ ތަކެތި ފޮހެ، ތެޔޮ ބަދަލު ކުރުމަށް ގަރާޖުގައި ގެންގުޅޭފަދަ އަންގިއެއް ކަމަށެވެ. އެހެން ސަޕޯޓަރަކު ބުނީ ކާރިއަސް މެޗެއް ނުކުޅޭތާ ގިނަ ދުވަސްވެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް ތަންތަން ފޮހެން ގެންގުޅޭފަދަ އަންގިނޫން އެއްޗެއް އިހްތިޔާރު ކުރަންޖެހޭ ކަމަށެވެ.
ނިއުކާސަލްގެ ސަޕޯޓަރުން ކާރިއަސްއާ ދިމާކޮށްލީ މެޗުގެ ކުރިންނެވެ. އެއީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހެދި ވަރަށް އާދައިގެ މިސްޓޭކްތަކާ ހެދި، މި މެޗުގައި ވެސް އެފަދަ ގޯސްތަކެއް އޭނާ ހަދާފާނެ ކަމަށް ބުނެ އެވެ. އަދި މެޗުގައި ކުޅެން ޖެހޭކަން އެނގުމާއެކު ޕްރެކްޓިހުގައި ކުރިން އޭނާ ތުރުތުރު އަޅަމުންދިޔަ މަންޒަރެއް ސޯޝަލް މީޑިއާގައި އާއްމުވުމަކީ ވެސް ސަޕޯޓަރުންގެ ނަޒަރު ކާރިއަސް އަށް ހުއްޓުނު ސަބަބެކެވެ. މީގެ އިތުރުން މި މެޗަށް އޭނާ ނުކުތީ ވާދަވެރި މެޗެއް ނުކުޅޭތާ 2 އަހަރު ފަހުންނެވެ. އަދި މިއީ އިނގިރޭސި ކުލަބެއްގައި ބޮޑު މެޗެއް ކުޅެން އޭނާ ނުކުތް ފުރަތަމަ ފަހަރެވެ.
މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ނިއުކާސަލްއާ ގުޅުނު ކާރިއަސް އަކީ އެ ޓީމުގެ ތިން ވަނަ ކީޕަރެވެ. އޭނާ އަށް މި ފައިނަލްގައި ކުޅެންޖެހުނީ އެއްވަނަ ކީޕަރުގެ އަނިޔާ އާއި ދެ ވަނަ ކީޕަރު ޔުނައިޓެޑަށް މި ސީޒަނުގައި ކުޅެފައިވާތީވެ މި މެޗަށް ނުކުތުމުގެ ހުއްދަ ނެތުމުންނެވެ.
ނަމަވެސް ރޭގެ މެޗުގައި އޭނާ ދެއްކި ކުޅުން ގޯހެއްނޫނެވެ. މާކަސް ރަޝްފޯޑް ޖެހި ދެ ވަނަ ގޯލުގައި އޭނާ ކުރި މަސައްކަތަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވެންޖެހޭ ކަމަށް މެޗު އެނަލައިޒްކުރި ލިވަޕޫލްގެ ކުރީގެ ޑިފެންޑަރުޖެމައިން ކަރެގާ އާއި ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް ފާހަގަ ކުރި އެވެ.
ނަމަވެސް މުޅި މެޗުގައި އޭނާ އަށް ސޭވްކުރި އެވެ. މީގެ ތެރެއިން ތިން ސޭވްކުރީ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހި ބޯޅަތަކުގެ ތެރެއިންނެވެ.