ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.
ލީގުގައި ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، އެންމެ އެކަށީގެންވާ ގޮތުގައި ފުރުސަތުގެ ބޭނުން ނުހިފުނެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ ފަހު ކޮޅުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެތުލެޓިކޯ އިންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ހޯސޭ ހިމެނޭޒް އެވެ. އެއީ ބޮލުން ޖަހައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ރެއާލް ސަލާމަތްކޮށްދިނީ 85 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ އަލްވާރޯ ރޮޑްރިގޭޒް އެވެ. އެއީ ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ.
މެޗު އެއްވަރުވުމުން ރެއާލަށް ވަނީ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ކުޅުނު 23 މެޗުން ރެއާލަށް ލިބެނީ 52 ޕޮއިންޓެވެ. ރެއާލަށް ވުރެ މެޗެއް މަދުން ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އޮތީ 59 ޕޮއިންޓާއެކު އެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ. 10 ޕޮއިންޓަށް ފަރަގު ބޮޑުކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އެބަ އޮތެވެ.