އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާއި, ދެވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީވެސް މޮޅުވެއްޖެއެވެ.
އާސެނަލް މެޗު ކާމިޔާބުކޮށް މަޤާމް ދެމެހެއްޓީ 1-0 ން ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ޖެހީ މާޓީނޭލީއެވެ. އޭނާ ލަނޑުޖެހީ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ފުރަތަމަ ހާފްގައި ޓްރޮސާޑް ޖެހި ގޯލެއް ވީއޭއާރުން ބަލައި ނުގަތެވެ.
އާސެނަލް މެޗު ކާމިޔާބުކުރިފަހުން މެންޗެސްޓަރ ސިޓީން ބޯންމައުތާ ދެކޮޅަށް ނުކުމެ މެޗު ކާމިޔާބުކުރީ 4-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ތިންގޯލް ޖެހީ އަލްވާރޭޒްއާއި, ހާލާންޑާއި, ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ފޮޑެންއެވެ. ދެވަނަ ހާގްގައި ލީޑް 4-0 އަށް ބަދަލުވީ ބޯންމައުތް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ބޯންމައުތުން މެޗުގައި ލަނޑު ޖެހީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. 83 ވަނަ މިނެޓްގައި ލަނޑު ޖެހީ ލާމާއެވެ.
މިނަތީޖާތަކާއެކު އާސެނަލް އެއްވަނާގައި އޮތީ 24 މެޗުން 57 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ސިޓީ ދެވަނާގައި އޮތީ 25 މެޗުން 55 ޕޮއިންޓާއެކުއެވެ. ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް ލަނޑެއްނުޖެހި އެއްވަރުވި ލިވަޕޫލް އޮތީ 36 ޕޮއިންޓާއެކު ހަތްވަނާގައެވެ.