ސްޕެއިންގެ ބާސެލޯނާ ބަލިކުރެވުމުން ދެން ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޔުއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާ ބަލިކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޓެން ހާގް ބުނީ އެއީ ޔުނައިޓެޑަށް ވަރަށް ޚާއްސަ ރެޔެއް ކަމަށެވެ. ޚާއްސަކޮށް ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑުގެ މައްޗަށް އަށް ޕޮއިންޓުގެ ލީޑަކުން ކުރީގައި އޮތް ޓީމު ބަލިކުރެވުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ މެޗުގައި ދެއްކި މޮޅު ކުޅުމަށް ސީޒަންގެ ބާކީ އޮތް ތަނުގައި ދައްކަން ޖެހޭނެ ކަމަށާއި، އޭނާ ޤަބޫލު ކުރާ ގޮތުގައި ޔުނައިޓެޑަށް އިތުރު ކުރިއެރުންތައް ވެސް ހޯދޭނެ ކަމަށެވެ. ޓެން ހާގް ބުނީ، ޔުނައިޓެޑުގައި ތިބީ ވަރަށް ރަނގަޅު ކުޅުންތެރިން ތަކެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ، ޑިފެންޑަރު ރަފައެލް ވަރާން، ލިސާންދްރޯ މާޓިނޭޒްގެ އިތުރުން ކަސެމީރޯ އާއި ބްރޫނޯ ފެނާންޑޭސް ދައްކައިދެނީ ރަނގަޅު ލީޑާޝިޕަކާއި، ޓީމަށް އެންމެ ބޭނުންވާ ކުޅުން ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޔުނައިޓެޑުގައި އޮތީ ވަރަށް އާދަޔާ ޚިލާފު ރޫޙެއް ކަމަށެވެ. އެކަން ދަނޑުމަތިން ވެސް އަދި ބަދަލުގައި އަރާ ކުޅުންތެރިންގެ ފަރާތުން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ. ޓެން ހާގް ބުނީ ބަދަލުގަ އަރާ ކުޅުންތެރިޔާ ވެސް އަރަނީ ޓީމަށް އިތުރު ހިިތްވަރެއް ގެނެސްދީ، ޓީމު ކުޅޭ ގޭމް ދަމަހައްޓަން ކަމަށެވެ. ޓެން ހާގް ބުނީ ރަނގަޅު ޓީމެއް ބިނާ ކުރުމަށް ޕްލޭނެއް އޮތުމާއެކު، ރަނގަޅު ނަތީޖާތަކެއް ވެސް ނެރެން ޖެހޭނެ ކަމަށެވެ. ޓެން ހާގް ބުނީ ބާސެލޯނާ ބަލިކުރެވުމަކީ ކުރިއަށް ދިޔުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި، އެ ޓީމަކީ މިވަގުތު ޔޫރަޕުގައި ވެސް އޮތް އެންމެ މޮޅު އެއް ޓީމު ކަމަށެވެ.
ޔުނައިޓެޑުން ވަނީ ބާސެލޯނާަ ބަލިކޮށް ޔޫރޮޕާ ލީގުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.