ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 18:19
ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް
ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް
ރާއްޖެއެމްވީ
ސިއްހީ ޚިދުމަތް
ޕްރައިވެޓް ސެކްޓަރުން ޚިދުމަތް ދޭ ހުރިހާ ސިއްހީ ފަރާތްތަކާ ހެލްތު މިނިސްޓްރީން ބައްދަލުކުރަނީ
 
މަޝްވަރާއިން ނުކުންނަ ނަތީޖާތަކަށް ބިނާކޮށް، ބަދަލުތައް ގެނެވޭނެ

ޕްރައިވެޓް ސެކްޓަރުން ޚިދުމަތް ދޭ ހުރިހާ ސިއްހީ ފަރާތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ބައްދަލު ކުރައްވާނެ ކަމަށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކެއް މާލޭގައި ހުޅުވުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުން ދޭ ސިއްހީ ޚިދުމަތާނުލައި ސިއްހީ ދާއިރާ ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އެމީހުން ދެނީ ވަރަށްވެސް މުހިންމު ޚިދުމަތެއް ކަމަށެވެ.

ސަރުކާރުން ކަންތައްތައް ބައްޓަންކުރަން ޖެހޭނީ ޕްރައިވެޓް ސެކްޓަރަށް ކަންތައްތައް ކުރެވޭނެ ފަސޭހަ ގޮތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ މެދެއްހާ ހިސާބުގައި ޕްރައިވެޓް ސެކްޓަރުން ޚިދުމަތް ދޭ ހުރިހާ ސިއްހީ ފަރާތްތަކާ ބައްދަލު ކުރައްވައި، އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ބައްލަވާނެކަމަށާއި، މަޝްވަރާއިން ނުކުންނަ ނަތީޖާތަކަށް ބިނާކޮށް ބަދަލުތައް ގެނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުން ކަންތައްތައް ހުންނަންޖެހޭނީ، އަޅުގަނޑު ދެކޭގޮތުގަ، ޕްރައިވެޓް ސެކްޓަރަށް ކަންތައްތައް ކުރެވޭ ގޮތަށް، ވަރަށް ފަސޭހައިން، ލުއިކޮށް ހުއްދަތަކާ އެއްޗެހި ލިބޭ ގޮތަށް. އަޅުގަނޑުމެންގެ ލައިސަންސް ދިނުމުގަ، ނޫނިއްޔާ އޮޕަރޭޓް ކުރުމުގަ ހުރި ދަތިތަކާ ގުޅޭގޮތުން އަޅުގަނޑު ގަސްތުކުރަނީ މި އަހަރުގެ މެދެއްހާ ހިސާބުގައި ޕްރައިވެޓް ސެކްޓަރުގެ ހުރިހާ ސިއްހީ ފަރާތްތަކާ އެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވަން.
ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް

އަމިއްލަ ފަރާތްތަކުން ދޭ މިފަދަ ސިއްހީ ޚިދުމަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބި، ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ތަންތަން އިތުރުވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާއަށް ޕްރައިވެޓް ސެކްޓަރުގެ އެއްބާރުލުން ލިބޭކަމަށާއި ކޮވިޑުގެ ދަތި ހާލަތުގައިވެސް އެމީހުންގެ އެހީތެރިކަން ލިބިގެންދިޔަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް