ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 18:07
ލޭގެ ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަނީ
ލޭގެ ކެންސަރަށް ހޯދި ފަރުވާ
ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ
 
އެޗްއައިވީގެ ޝިކާރައަކަށް ވެފައިވާ 38.4 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި
 
މި ޖަރާސީމު ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް، އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސްކޮށް

ހިއުމަން އިމިއުނޯޑެފިޝަންސީ ވައިރަސް ނުވަތަ އެޗްއައިވީއަކީ ނުރައްކާތެރި އެއިޑްސް ބަލިޖައްސާ ވައިރަހަށް ކިޔާނަމެވެ. އެޗްއައިވީއަކީ ގުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ ދިފާއީ ބާރު ނެތިކޮށް ހަލާކުކޮށްލާ ޖަރާސީމެކެވެ. މި ޖަރާސީމު ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް، އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސްކޮށެވެ. އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ. އެޗްއައިވީގެ ޝިކާރައަކަށް ވުމަށްފަހު މީހާގެ ދިރިއުޅުން އެތައް ގޮތަކުން ބަދަލުކޮށްލައެވެ. ކަނޑައެޅިގެން ދާއިމީ ލުޔެއް ލިއްބައިދޭ ފަރުވާއެއް ފެނިފައި ނެތުމީ އެންމެ ބޮޑު އެއް ސަބަބެކެވެ.

ކަން މިހެން އޮތްނަމަވެސް، ކޮންމެ ބައްޔަކަށް ފަރުވާއެއް ނުވަތަ އެބަލިން ރައްކާތެރިވުމުގެ މަގު ލައްވާފައިވެއެވެ. އިންސާނުންނަށް އޮތީ އެ ފަރުވާއެއް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ޝިފާއެއް ލިބެން ނެތޭ ހީވާ ކިތަންމެ ކަމަކަށް، މާތް ﷲގެ ތަނަވަސް ރަހުމަތްފުޅުން ޝިފާ ލިބިގެންދެއެވެ.

އެޗްއައިވީގެ ޝިކާރައަކަށް ވެފައިވާ 38.4 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު، 3 ވަނަ މީހަކަށް މި ވަނީ ޝިފާ ލިބިފައެވެ. އެޗްއައިވީގެ ޖަރާސީމުން އެމީހާ ސަލާމަތްވެފައިވާކަން، ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓްއިން އިއުލާންކުރީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ. އެމީހަކީ ބޯން މެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓްކުރި މީހެކެވެ.

ސްޓެމް ސެލް ޓްރާންސްޕްލާންޓްގަ މި ވާ ގޮތަކީ، ބަލި މީހާގެ ހަށިގަނޑުގެ ހުންނަ ދިފާއީ ސެލްތަކުގެ ބަދަލަށް، އެތަނަށް މި އަންނަނީ ޑޯނަރުގެ ދިފާއީ ސެލްތައް. އެޗްއައިވީ ޕޭޝަންޓުންގެ ކޭސްތަކުގަ މި ވާ ގޮތަކީ، ޑޯނަރުގެ ސެލްތައް އައިސް ބަލި މީހާގެ ސެލްތައް ހަލާކުކޮށްލަނީ. އެޗްއައިވީ ހުރި ސެލްތައް ހަލާކުކޮށްލަނީ. އެހެންވީމަ، އާޚިރުގަ، ހަށިގަނޑު ތެރޭގަ އިންފެކްޓްވެފަ ހުރި ގިނަ ސެލްތައް ނެތިކޮށްލެވޭ.
ސައެފް-ފީރިއޯން؛ ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓް

ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓްއިން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެ ޕޭޝަންޓް ޓްރާންސްޕްލާންޓް ހެދީ މީގެ 5 އަހަރު ކުރިން ކަމަށެވެ. އެ ޑޯނަރަކީ އެޗްއައިވީ އިންފެކްޝަނާ ދެކޮޅުހަދާ އާދަޔާ ޚިލާފު ޖީންތަކެއް ހުރި ޑޯނަރެއް ކަމަށް މައުލޫމާތު ލިބެއެވެ. ޓްރާންސްޕްލާންޓް ހެދި ޕޭޝަންޓް، އެންޓިރެޓްރޯވިއަލް ބޭސްތައް ބޭނުންކުރުން ހުއްޓާލިތާވެސް 44 މަސް ފާއިތުވެފައި ވާއިރު، މިހާރު ހަދާ ޓެސްޓުތަކުގައި، އެޗްއައިވީ އިންފެކްޝަންގެ ނިޝާނެއްވެސް ފެންނަން ނުހުންނަކަމަށް ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓުން ބުނެއެވެ.

ޕޭޝަންޓުގެ ޒާތީ ވަނަވަރު ހާމަކޮށްފައި ނުވިނަމަވެސް، އެމީހާ ބޯން މެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓް ފަރުވާ ހޯދާފައިވަނީ ޑިސަލްޑޯފްގައި ލޭގެ ކެންސަރަށް ފަރުވާ ހޯދުމުގެ ތެރޭގައެވެ.

އެޗްއައިވީ ޖެހިފަ ހުރި މި ޕޭޝަންޓަކީ ލޭގެ ކެންސަރުވެސް ޖެހި، އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް. ތެރަޕީގެ ތެރެއިން ލޭގެ ކެންސަރަށް ލުއި ލިބުނު. އެކަމަކު، ކަން ދިމާކުރިގޮތުން، ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ބަލި އެނބުރި އައި. އެހެންވެ އިތުރަށް ލަސްނުކޮށް، ޑިސަލްޑޯފްގެ ޓީމުން ނިންމީ ސްޓެމް ސެލް ޓްރާންސްޕްލާންޓް ކުރަން. އެކަން ކުރީ ލޭގެ ކެންސަރުން ސަލާމަތް ވެވެން އޮތް އެންމެ ފަހު ކަމެއްގެ ގޮތުން.
ސައެފް-ފީރިއޯން؛ ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓް

އެޗްއައިވީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ޝިފާ ލިބުނުކަމަށް ރިޕޯޓްކުރީ "ބަރލިން ޕޭޝަންޓް"ގެ ނަމުން ވަނަން ދީފައިވާ މީހެކެވެ. އެއީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން 2 ވަނަ މީހެއްގެ ކޭސް ރިޕޯޓްކުރީ "ލަންޑަން ޕޭޝަންޓް"ގެ ގޮތުގައި 2016 ވަނަ އަހަރުއެވެ. "ޑިސަލްޑޯފް ޕޭޝަންޓް"އަކީ ދުނިޔޭގެ 3 ވަނައެވެ.

ޕޭޝަންޓު ހުރީ ވަރަށް އުފަލުން، އޭނަގެ ނަސީބު ގަދަކަން އަރާފަ. އެޗްއައިވީއާ ލޭގެ ކެންސަރުގެ ބަދު ނަސީބާއެކީ ހޯދަން ފެށި ފަރުވާއިން، އޭނައަށް ވަނީ 2 ބައްޔަށްވެސް ޝިފާ ލިބިފަ. އެޗްއައިވީ ޖެހިފަ ތިބި އެހެން މީހުންނާ އޭނާގެ ވާހަކަ ހިއްސާކުރަން އޭނާ ވަރަށް އުފާވޭ.
ސައެފް-ފީރިއޯން؛ ފްރާންސް ޕެސްޓަރ އިންސްޓިޓިއުޓް

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައެފް-ފީރިއޯން ބުނިގޮތުގައި މި ޕޭޝަންޓަށް ދިން ފަރުވާއަކީ މާ ފަސޭހަ ފަރުވާއެއް ނޫނެވެ. ޚަރަދު ބޮޑު، ނުރައްކާތައްވެސް ބޮޑު ފަރުވާއެކެވެ. ނަމަވެސް، މިއީ އެޗްއައިވީއަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ ދިރާސާގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއެވެ. އެގޮތުން ބޯން މެރޯ ޓްރާންސްޕްލާންޓަށް ދާ އެޗްއައިވީ ޕޭޝަންޓުންނަށް، އެޗްއައިވީ ރެސިސްޓަންޓް ޖީން ތައާރަފުކުރުން ކަހަލަ ކަމެއް ކުރުމުގެ ފުރުސަތު ބޮޑެވެ.

އެޗްއައިވީން ޖައްސާ އެއިޑްސްބަލި 1980ގެ އަހަރުތަކުގައި ދެނެގަނެވުނު ފަހުން، އަދާ ހަމައަށް މި ބަލިމަޑުކަމުގައި 40 މިލިއަނެއްހާ މީހުން ވަނީ މި ދުނިޔެއާ ވަކިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
0%
20%
0%
0%
60%
ކޮމެންޓް