ގެއްލިގެން ހޯދަމުން ދަނިކޮށް 10 ދުވަސް ފަހުން ފެނުނު މުޙައްމަދު އާސިރު އިސްމާއީލް ހޯދީ އެއަރޕޯޓް ޓަރމިނަލްއިން ކަމަށް ފުލުހުން ބުނެފިއެވެ.
ސ.މަރަދޫ، ގަސްކަރަ މުހައްމަދު އާސިރު އިސްމާއީލް (31 އަހަރު) ވީނުވީއެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 7:30 ހާއިރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް ބުނެއެވެ. އެއާއެކު އޭނާ ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯވެސް އާއްމުކުރިއެވެ.
އޭނާ ގެއްލުނުތާ 2 ހަފްތާ ފަހުން މިކަމާއި ގުޅިގެން ނޫސްވެރިން އެތަކެއް ސުވާލެއް ފުލުހުންނާއި ކުރިމަތިކޮށްފައިވާއިރު، ފުލުހުން އާދީއްތަ ދުވަހު ކުރު ގޮތަކަށް ބުނެފައިވަނީ އާސިރު ފެނިފައިވަނީ އެއަރޕޯޓް ޓަރމިނަލް ތެރެއިން ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އާސިރު ފެނުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. ނަމަވެސް ފެނުނީ ޑޮމެސްޓިކް ޓަރމިނަލް އިންކަމެއް ނުވަތަ އިންޓަރނޭޝަނަލް ޓަރމިނަލްއިން ކަމެއް ފުލުހުން ނުބުނެއެވެ.
އާސިރު ހޯދުމުގެ މަސައްކަތުގައި ފުލުހުން އޭނާ ދިރިއުޅޭ ގެ، ހ. އަލްޝާވިލާ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި، ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި، ޓީއެމްއޭގެ ކެމެރާތަކާއި، އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބެލިއެވެ.
މާލެއާއި އެއަރޕޯޓްގެ ފުޓޭޖްތަކުން އާސިރުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ފުލުހުންނަށް ލިބިފައިވެއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ މިވީޑިއޯތަކުން ފެންނަނީ 4 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 7:20 ހާއިރު، ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީ ޓަރމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރެވެ.
އަދި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލަށް މަޑުކުރުމުން އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓަރމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އާސިރު އެއަރޕޯޓަށް ވަންނަ ސަހަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް ދެނެގަނެވިފައި ނުވާކަމަށް އެއިރު ފުލުހުން ބުނެއެވެ.
އާސިރު ޓެކްސީއަށް އެރީ އެކަނިކަމެއް ނުވަތަ މީހަކާ އެކު ކަމެއް ވެސް ފުލުހުން ނުބުނެއެވެ. އަދި ޓަރމިނަލްއިން އޭނާ ފައިބާފައި ހަރަކާތް ހުރިގޮތެއްވެސް އެއަރޕޯޓުން ލިބުނު ވީޑިއޯތަކަށްފަހު އެހެން މީހަކާ ބައްދަލުކުރިކަމެއްވެސް އަދި 10 ދުވަސް ވަންދެން އޭނާގެ ހަރަކާތްތައް ހުރި ގޮތެއް ވެސް ފުލުހުން މިހާތަނަށް އައި އިރު ހާމައެއް ނުކުރެއެވެ.