މެޗުގެ ބޮޑުބައި ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅެއް ހޯދައިފިއެވެ.
22 ވަނަ މިނެޓުގައި ކީޕަރު ނިކް ޕޯޕަށް ރަތްކާޑް ދެއްކި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ރެފްރީއަށް ސީދާ ރަތްކާޑް ދެއްކީ އޭރިޔާ ބޭރުން ބޯޅާގައި އަތްލުމުންނެވެ. އެބޯޅައަށް މަސައްކަތްކުރަން ހުރީ ލިވަޕޫލްގެ މިސްރު ފޯވަޑް މުޙައްމަދު ސަލާހުއެވެ. އެކަމަކު އޭރު ލިވަޕޫލުން އޮތީ ދެ ގޯލް ޖަހާފައެވެ. ފުރަތަމަ ލަނޑު ޖެހީ ނޫނޭޒްއެވެ. ދެވަނަ ގޯލް ޖެހީ ގަކްޕޯއެވެ. މިއީ އެންމެ ފަހުން ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވެ ގަކްޕޯ ޓީމަށް ޖަހައިދިން ދެވަނަ ގޯލެވެ. އޭނާ ލަނޑު ޖެހީ ވިދިވިދިގެން ދެ މެޗުގައެވެ. މިމޮޅާއެކު ލިވަޕޫލް ވަނީ 35 ޕޮއިންޓާއެކު އަށްވަނައަށް ޖެހިލާފައެވެ. ބަލިވުމުން މެޗުން މޮޅުވެގެން ތިންވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެ ޕޮއިންޓް ކައިރިއަށް ޖެހިލަން ނިއުކާސަލްއަށް އޮތް ފުރުޞަތުވެސް ގެއްލުނީއެވެ.
މެޗުގައި ދެއްކި ރަތްކާޑްގެ ސަބަބުން އަންނަ އާދިއްތަ ދުވަހު ކަރަބާއޯ ކަޕް ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ނިކް ޕޯޕަށް ނުކުޅެވޭނެއެވެ.
ލީގުގައި ޗެލްސީއަށް ސައުތްހެމްޓަން އަތުންވެސް މޮޅެއް ނުވެވުނެވެ. ސްކޮޑް ވަރުގަދަކުރި ނަމަވެސް މޮޅުވުމުގެ ރޫހެއް ނުފެނުނެވެ. 1-0 ން މެޗު ކާމިޔާބުކުރީ ސައުތްހެމްޓަންއެވެ. އެޓީމް މޮޅުކޮށްދިން ލަނޑު ޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ވާޑް ޕްރައުސްއެވެ. ޗެލްސީ އޮތީ 31 ޕޮއިންޓާއެކު 10 ވަނާގައެވެ.