މި ސަރުކާރުން ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 22.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ޝަރުޢީ ދާއިރާ ޒަމާނީ ފެންވަރަށް ކުރިއަރުވައި، ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އިސްކަން ދެއްވާކަމަށެވެ. މިދިޔަ 2 އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 22.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މި ދާއިރާއަށް ބަޖެޓްކޮށްފައި އޮތީ 440 މިލިއަން ރުފިޔާ ކަަމަށާއި، މި އަހަރު މި ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު %35ގެ ކުރިއެރުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ފަނޑިޔާރުގޭގެ ޒިންމާއަކީ އަނިޔާއިން އެއްކިބާވެ، ޢަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ. އެ ޒިންމާ އަދާކުރެވޭނީ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހަދައިގެން ކަމަށެވެ. ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާ މަސައްކަތްކުރަނީ މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކުގައި ކަމަށެވެ. އެެހެންކަމުން ފަނޑިޔާރުގޭގެ ނިންމުންތަކާމެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން ކަމަށް ވާއިރު، އެ ޝަކުވާއަށް ޙައްލު ހޯދުމަށްޓަކައި އޮންލައިންކޮށް ޝަރީޢަތްކުރެވޭނެ ނިޒާމް ރާއްޖޭގެ ކޯޓުތަކުގައި ޤާއިމްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ކޯޓުތަކުގެ ޢުމްރާނީ ތަރައްޤީއަކީ ޢަދުލު އިންސާފަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަމަށާއި، އެ މަސައްކަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވާކަަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.