ސަރުކާރުން އައްޑޫސިޓީގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްކުރުމުގައި ހުރަހެއް ނެތްކަމަށާއި، އެހެންނަމަވެސް ކުދިކުދި ކަންކަން ހައްލުކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވި އައްޑޫ ބިންހިއްކުމުގެ މަސައްކަތުގެ ލިންކް ރޯޑުގެ 4 ލައިން އަދި ފުރަތަމަ ރިސޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އައްޑޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި، އައްޑޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްދާއިރު އެ މަޝްރޫއުކުރިއަށްދަނީ ކިހިނެއްތޯ އަދި އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުން އެކިފަހަރުމަތިން ވަޑައިގަންނަވާނެ ކަމަށެވެ.
ހަމައެކަނި އައްޑޫއެއް ނޫން އެހެނިހެން ރަށްރަށުގައި ހުރި މަސައްކަތްތަކުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކޮށް މަސައްކަތް ބައްލަވާލެއްވުމަށް އެ މަސައްކަތެއް ކުރިއަށްގެންދާ މިނިސްޓްރީއަކުން ވަޑައިގެން މޮނިޓަރ ކުރައްވަމުން ގެންދަވާނެ. އެގޮތުގެ މަތިން ކުރައްވާކަމެއް އެއީ.ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
މިއުވާން ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ފާއިތުވި 3 އަހަރު ތެރޭގައި ދިމާވި އެކިކަހަލަ ގޮންޖެހުންތާއެކީގައި، މީގެ ތެރޭގައި ހަނގުރާމަ އަދި ތަކެތީގެ އަގުތަކަށް އައި ބަދަލާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި މިފަދަ އެކިއެކި މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް މައްސަލަތައް ހައްލުކޮށް ކޮންޓްރެކްޓަރަކާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން ސީދާ އެ ސައިޓުގައި ހުންނަވައިގެން އެކަމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނާއެކު މައްސަލަތައް ހައްލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ.
މިއުވާން ވިދާޅުވީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތުގައި މާބޮޑު ހުރަހެއް އޮވެގެން މަސައްކަތް ކުރިއަށް ނުދަނީކީ ނޫން ކަމަށާއި، ދިމާވާ ކުދިކުދި ކަންކަމާއި ގުޅޭ މައްސަލަތައް ހައްލުކުރަމުން ދާ ކަމަށެވެ.