ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ތެރޭގައި ތާށިވެފައި އޮތް ގާނާގެ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ ސަލާމަތްވި ކަމަށް ބުނާ ޚަބަރު އޭނާ ކުޅެމުން އަންނަ ތުރުކީގެ ހަތެޔާސްޕޯ އިން ދޮގުކޮށްފި އެވެ.
އަންގާރަ ދުވަހު ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ވެއްޓިފައިވާ އިމާރާތެއްގެ ދަށުން އަޓްސޫ ވަނީ ސަލާމަތްކޮށްފަ އެވެ. އަޓްސޫ ސަލާމަތް ކުރި ނަމަވެސް އޭނާ އަށް އަނިޔާވެފައިވާތީ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ. އެކަމާ ގުޅިގެން އެ ކުލަބުގެ ނައިބު ރައީސް މުސްތަފާ އޯޒާތު ބުނީ އަނިޔާތަކަކާއެކު އަޓްސޫ ސަލާމަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުލަބުގެ ޑޮކްޓަރު ގާބޭ ކަހްވޭސީ ބުނީ އެމީހުންނަށް އަޓްސޫ ފެނުނު ކަމުގެ ޚަބަރު ލިބުމާއެކު ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. ޑޯޓްޔަލް ހޮސްޕިޓަލަށް އަޓްސޫ ގެންދިޔަ ކަމަށް ބުނި ނަމަވެސް، އެ ހޮސްޕިޓަލުގައި އޭނާ ނެތް ކަމަށް ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަޓްސޫގެ އިތުރުން އެ ކުލަބުގެ ސްޕޯޓިން ޑިރެކްޑަރު ސަވޫތު ތަނޭރު ވެސް ފެނިފައިނުވާ ކަމަށް އެ ކުލަބާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި މިހާރު ވަނީ ރިޕޯޓުކޮށްފަ އެވެ.
ބިންހެލުމާއި ގުޅިގެން ތުރުކީގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު ވެސް އިއުލާންކޮށްފަ އެވެ. މީގެ އިތުރުން އެ ޤައުމުގެ ފުޓުބޯޅަ ސީޒަން މެދުކަނޑާލުމަށް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ލީގުގެ ޗެލްސީ އާއި ނިއުކާސަލް އަށް ވެސް ކުޅުނު އަޓްސޫ އައީ މިހާރުގެ ކުލަބް ހަތެޔާސްޕޯ ގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސައުދީ ދޫކޮށް އޭނާ އެ ކުލަބަށް ބަދަލުވީ ވެސް މިދިޔަ އަހަރު އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމުއްގެ ދަށުން އޭނާ އެ ކުލަބަށް ބަދަލުވީއިރު، އޭނާ ވަނީ ގާނާގެ ޤައުމީ ޓީމަށް ވެސް ކުޅެދީފަ އެވެ. ގާނާގެ ޤައުމީ ޓީމަށް ކުޅެދިން 65 މެޗުގައި އަޓްސޫ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.