ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ މަޔޯކާގެ ދަނޑުގައި ރެއާލުން އެ ޓީމާ ދެކޮޅަށް ނިކުތީ ބަދަލުތަކަކާ އެކު އެވެ. އަނިޔާގެ ސަބަބުން މެޗުގައި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ނުކުޅެ އެވެ. މީގެ އިތުރުން އެޑާ މިލިޓާއޯ އާއި ފާލަންޑް މެންޑީ ވެސް މެޗުގައި ކުޅެފައެއް ނުވެ އެވެ. ރެއާލުން މެޗު ފެށީ ފުރަތަމަ 11 އަށް ވެސް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗު މެޗުގައި ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގަ އެވެ. މެޗު ފެށުމުގެ ކުރިން ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ކުޅެފައެއް ނުވެ އެވެ.
މެޗު ފަށައިގެން ރެއާލުން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މަޔޯކާ އަށް ލީޑު ލިބުނީ ރެއާލްގެ ޑިފެންޑަރު ނާޗޯ އަތުން ބައި ކޮޅަށް ވަން ލަނޑުންނެވެ. އެއީ މެޗުގެ 13 ވަނަ މިނެޓުގައި މަޔޯކާގެ މިޑްފީލްޑަރު ޑެނީ ރޮޑްރިގޭޒް ހުރަސް ކުރި ބޯޅައެއް ނާޗޯގެ ބޮލުގައި ޖެހިފައި ގޯލަށް ވަނުމުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 60 ވަނަ މިނެޓުގަ އެވެ. އެއީ މަޔޯކާގެ ގޯލް ކީޕަރު ޕްރެޑްރަގް ރަޖްކޮވިޗް ރެއާލްގެ ވިނީޝިއަސް ޖޫނިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގައި ރެއާލްގެ މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ މަޔޯކާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
މެޗުން ބަލިވުވުމުން ރެއާލް ދެ ވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ ރެއާލަށްވުރެ މަދުން މެޗެއް ކުޅެގެން 50 ޕޮއިންޓާއެކު އެވެ. ލީގުގައި އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބާސެލޯނާ އަށް އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބަ އޮތެވެ.