ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހު އޮލިމްޕަސް އަލުން ހުޅުވައިފިއެވެ.
އޮލިމްޕަސް އަލުން ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޝޯއަކާއެކުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިިކަނބަލުން ފަޒްނާ އަހުމަދުއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިންޑިއާގެ ހައިކޮމިޝަނަރ ވެސް ބައިވެވަޑައިގެންނެވިއެވެ. އަދި ދިވެހި ފިލްމީ ދާއިރާއާއި މިޔުޒިކްގެ ގިނަ ފަންނާނުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ބޮޑު މަރާމާތަކަށް ފަހު އޮލިމްޕަސް އަލުން ހުޅުވާފައި މިވަނީ އެތަން ބަންދުކޮށްފައި ހުންނަތާ ތިން އަހަރު ދުވަސް ފަހުންނެވެ. އެގޮތުން، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ.
މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަސީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލު ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައިވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްގީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްގީކޮށްފައެވެ.
އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، އޮލިމްޕަހަކީ ރާއްޖޭގެ މުނިފޫހިފިލުވުމާއި، ފަންނުވެރިކަމާއި، މިއުޒިކީ ދާއިރާއާގުޅުންހުރި މުހިއްމު ތަނެއްކަމަށާއި މިއީ ރާއްޖެއާއި ސަރަޙައްދީ ޤައުމުތަކާ އޮންނަ ގުޅުން ވެސް ރަމްޒުކޮށްދޭ މުހިންމު އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތަކީ ދުވަސްވީ އިމާރާތަކަށްވާތީ މަރާމާތު ކުރުމުގައި އިމާރާތައް މާބޮޑު ބަދަލުތަކެއް ނުގެނެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން އޮލިމްޕަހުގެ މަރާމާތް ލަސްވެގެންދިޔައީ އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ބޭރު ޤައުމުތަކުން ގެނައުމުގައި ދަތިތަކާ ދިމާވެގެން ކަމަށެވެ.
އޮލިމްޕަސް މަސައްކަތް ލަސްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ބޭރުން ތަކެތި ގެނައުމުގައި ދިމާވި ދަތިކަމެއް. މިކަމުގައި ފަންނާނުން ދެއްކި ކެތްތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން،މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މި ސަރުކާރުން 2019 ވަނަ އަހަރު އޮލިމްޕަސް އަލުން އެންސީއޭއާއި ހަވާލު ކުރުމުން އެތަން މަރާމާތު ކުރަން ޖެހޭތީ އެމަސައްކަތް އެ އިދާރާއިން ފެށިއެވެ. އެގޮތުން ތަނުގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓް ހަދައި އިންޑިއާގެ ގްރާންޓަށް އެދުނެވެ. މި އެހީއަކީ 8 މިލިއަން ރުފިޔާގެ އެހީއެކެވެ.
އޮލިމްޕަހަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެތަނުގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރެއް އިންސްޓޯލްކޮށްފައިވާއިރު ކުރިން ހުރި 2.1 ގެ ސައުންޑުގެ ބަދަލުގައި 7.1 ގެ ސަރައުންޑު ސައުންޑް ސިސްޓަމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި އަޑު އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް މުޅި ހޯލާއި ސްޓޭޖުގެ އެކޫސްޓިކްސް ޓްރީޓް ކުރިއެވެ.
މީގެ އިތުރުން، 14 އަހަރަށް ފަހު، މިއުޒިކާއި ނެށުމާއި ސްޓޭޖު ތަމްސީލުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނޭގޮތަށް އޮލިމްޕަސް ސްޓޭޖުގައި ސައުންޑު އަދި ލައިޓު ސެޓްއަޕް ވަނީ ޤާއިމުކޮށްފައެވެ. އަދި ސްޓޭޖުގައި ތަފާތު ގިނަ ހަރަކާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރިޓްރެކްޓް ކުރެވޭ ސްކްރީނެއް ވެސް ވަނީ ބަހައްޓާފައެވެ.
މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއްގެ އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.