އިސްލާމް ދީނާއި ޚިލާފު މައުލޫމާތުތަކެއް ވިކިޕީޑިއާ އިން އުނިކުރަން ދެކޮޅު ހެދުމުން ޕާކިސްތާނުގައި ވިކިޕީޑިއާ މަނާކޮށްފިއެވެ. ވިކިޕީޑިއާ އަކީ އޮންލައިންކޮން މައުލޫމާތު ހޯދުމަށް އެންމެ ގިނަ މީހުން ބަލާ ރިފަރެންސް އެންސައިކްލޮޕީޑިޔާ އެވެ.
ހޮނިހިރު ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވިކިޕީޑިއާ އާއި ދެކޮޅަށް ޕާކިސްތާނުން މިފަދަ ފިޔަވަޅުތަކެއް އަޅާފައި މިވަނީ ވިކިޕީޑިއާގައި އިސްލާމްދީނަށް ފުރައްސާކުރާ ނުވަތަ އިސްލާމްދީނުގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު ހުރުމުންނެވެ. މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ 48 ގަޑި އިރު ވަންދެން ވިކިޕީޑިއާ ބްލެކް ލިސްޓްކޮށްފައި ބޭއްވުމަށް ފަހުގައެވެ. އެހެން ކަމުން ވިކިޕީޑިއާ ބްލޮކް ކުރުމުގެ ކުރިން ޕާކިސްތާނުން ވަނީ އެފަދަ ކޮންޓެންޓް އުނިކުރަން ފުރުސަތު ދީފައެވެ.
ޕާކިސްތާނުގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިކިޕީޑިއާ ބްލޮކް ކުރަން ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީ އިން ނިންމާފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަދި މިހާރު އެ ގައުމުގައި ވިކިޕީޑިއާ ބޭނުމެއް ނުކުރެވެއެވެ.
ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އިން އެފަދަ ފިޔަވަޅެއް އަޅާފައި ވަނީ އެ ގައުމުގެ ހައިކޯޓުގެ ލަފައާއި އެކުގައެވެ. މި މައްސަލައިގައި ދިފާއުވުމަށް ކޯޓުގައި ވެސް ވިކިޕީޑިއާ އަށް ފުރުސަތު ދިނެވެ. ނަމަވެސް ވިކިޕީޑިއާ އިން އިސްލާމް ދީނާއި ދެކޮޅު ކޮންޓެންޓް އުނިކުރުމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. ޕާކިސްތާނުގެ ޓެލެކޮމިއުނޭޝަން އިން ވަނީ އިސްލާމްދީނުގެ ކަރާމަތަށް އުނިކަން ލިބޭ ކޮންޓެންޓް އުނިކޮށްފި ނަމަ ވިކިޕީޑިއާ މަނާކޮށްފައި އޮތް އޮތުން އުވާލުމަށް ވިސްނާނެކަން ވެސް ހާމަކޮށްފައެވެ.
މީގެ ކުރިން ދީނަށް ފުރައްސާރަވާ ފަދަ އިހުތިރާމްކުޑަ ޕޯސްޓްތަކެއް ހުރުމުން ޔޫޓިއުބް އާއި ފޭސްބުކް ވެސް އެ ގައުމުގައި ވަނީ މަނާކޮށްފައެވެ. އެގޮތުން 2012 ވަނަ އަހަރު އެ ގައުމުގައި ޔޫޓިއުބް ބޭންކުރިއެވެ. އެހެންނަމަވެސް އޭގެ ތިން އަހަރު ފަހުން ވަކި ވަކި ކޮންޓެންޓް އުނިކުރެވޭ ގޮތަށް ނިންމާ އަލުން ޔޫޓިއުބް އަށް ވަނީ ހުއްދަދީފައެވެ.