ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 06:53
ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރި ވަރާން
ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރި ވަރާން
ޓްވީޓަރ
ފްރާންސް ޤައުމީ ޓީމު
ރަފައެލް ވަރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
 
ވަރާން ވަނީ ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައި

ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އައި ޑިފެންޑަރު ރަފައެލް ވެރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އެކަން އިއުލާނުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ސޯޝަލް މީޑިއާގަ އެވެ. ވަރާން އަށް ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 93 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ވަރާން ވަނީ ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ވަނީ ފްރާންސް ޓީމުގައި ހިމެނިފަ އެވެ. އެ މުބާރާތުގައި ފްރާންސް އަށް ލިބުނީ ދެ ވަނަ އެވެ.

ފްރާންސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށް ވަރާން ބުނީ، ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ. ވަރާން ބުނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމާމެދު އޭނާ ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، މިއީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އަދި އޭނާ 1998 ވަނަ އަހަރު ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، އޭރުގެ ކުޅުންތެރިން ކުރި ހިތްވަރާއި، މަސައްކަތް ބަލަން އިނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭގެ 20 އަހަރު ފަހުން ފްރާންސްއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީތީ ވަރަށް އުފާވާ ކަމަށާއި، އެއީ އޭނާގެ ހުވަފެނަކަށް ވެސް ވި ކަމަށެވެ. އޭނާ ބުނީ އަދި ވެސް އެދުވަސް މަތިން ހަނދާން ހުންނަ ކަމަށާއި، އެ ހަނދާންތަކަކީ އެންމެ އުފާވެރި ހަނދާންތައް ކަމަށެވެ.

މީގެ އިތުރުން ވަރާން ވަނީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި ޓީމުގެ އެހެނިހެން އޮފިޝަލުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން ޓީމުގެ ކުޅުންތެރިންނާއި، ޚާއްސަކޮށް ފްރާންސްގެ ސަޕޯޓަރުންނަށް ވެސް އޭނާގެ ޝުކުރު ވަނީ އަދާކޮށްފަ އެވެ. ވަރާން ވަނީ އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ފައިނަލުން ބަލިވި ނަމަވެސް، އެނބުރި ޤައުމަށް ދިޔުމުން ސަޕޯޓަރުން ކީ މަރުޙަބާ އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ ފްރާންސްއާއެކު ހޭދަކުރި ކޮންމެ ވަގުތެއްގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށާއި، ނަމަވެސް މިއީ އައު ޖީލުން އައި ފްރާންސް ޓީމު ކުރިއަށް ގެންދަންވީ ވަގުތު ކަމަށެވެ. އޭނާ ވަނީ ފްރާންސް ޤައުމީ ޓީމު ކުރިއަށް ގެންދާނެ ޒުވާން އެތައް ކުޅުންތެރިންނެއް ވެސް ތިބިކަން ފާހަގަކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ވަރާން އަކީ ކުލަބް ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު އެވެ. ވަރާން ވަނީ ރެއާލަށް 360 މެޗު ކުޅެދީ، 17 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ، ތިން ސްޕެނިޝް ލީގާއި، ކޮޕަ ޑެލްރޭ މުބާރާތަކާއި، ތިން ސްޕެނިޝް ސުޕަ ކަޕާއި، ތިން ޔުއެފާ ސުޕަ ކަޕާއި، ހަތަރު ފީފާ ކުލަބް ވޯލްޑް ކަޕްގެ އިތުރުން، ފަސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރެއާލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ވަރާން އޭނާގެ މިހާރުގެ ކުލަބް ޔުނައިޓެޑަށް ބަދަލުވީ، 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 47 މެޗުގައި އޭނާ ވަނީ އެއް ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް