އޭޝިއަން ފުޓްބޯލް ކޮންފަޑެރޭޝަން (އޭއެފްސީ) ރައީސްކަމުގެ ތިން ވަނަ ދައުރަކަށް ޝެއިޚް ސަލްމާން ބިން އިބްރާހީމް އެލް ޚަލީފާ އިންތިޚާބުވެވަޑައިގެންފި އެވެ.
ބަހްރޭނަށް ނިސްބަތްވާ ޝެއިޚް ސަލްމާން އޭއެފްސީގެ ރައީސްކަމުގެ ތިން ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވީ ބުދަ ދުވަހު ކުރިއަށް ދިޔަ އޭއެފްސީ ކޮންގްރެސްގަ އެވެ. އޭއެފްސީގެ ރައީސްކަމުގެ އިތުރު ދައުރަށް ޝެއިޚް ސަލްމާން އިންތިޚާބުވެ ވަޑަައިގެންފައިވާއިރު، އޭނާ އަކީ ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ) ގެ ނައިބު ރައީސް އެވެ. ރައީސްކަމުގެ ތިން ވަނަ ދައުރަށް ޝެއިޚް ސަލްމާން އިިންތިޚާބުވެވަޑައިގެންނެވީ ވާދަކުރާނެ އެހެން އެއްވެސް ކެންޑިޑޭޓަކު ނެތި އެވެ. އޭނާ އެންމެ ފުރަތަމަ އޭއެފްސީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ، 2013 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ބިން ހަންމާމް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މީގެ ކުރިން ދެ ފަހަރު (2015 ވަނަ އަހަރާއި 2019 ވަނަ އަހަރު) ވެސް ޝެއިޚް ސަލްމާން އޭއެފްސީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ ވާދަކުރާނެ ކެންޑިޑޭޓަކު ނެތި އެވެ.
ތިން ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން ޝެއިޚް ސަލްމާން ވިދާޅުވީ، އޭނާ އަށް އިތުބާރު ކުރެއްވީތީ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެއީ އޭނާ އަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށާއި، ޚާއްސަކޮށް އޭޝިއާ ޤައުމުތަކުގެ އިތުބާރު އޭނާ އަށް އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. ޝެއިޚް ސަލްމާން ވިދާޅުވީ އޭނާ އަށް މަތިކުރެވުނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެކަން ހާސިލް ކުރެވުނީ އެންމެންގެ އެހީތެރިކަމާއެކު ކަމަށެވެ. ޚާއްސަކޮށް ނިމުނު ހަތަރު އަހަރު އޭނާއާއެކު މަސައްކަތް ކުރި އެކްސްކޯގެ މަސައްކަތް ފާހަގަކުރައްވާ ޝެއިޚް ސަލްމާން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ޝެއިޚް ސަލްމާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ފުޓުބޯޅަ އަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަަމަށާއި، މިހާރު އޭޝިއާގެ ފުޓުބޯޅަ ދަނީ ބަދަލުތަކެއް އަންނާނެ މިސްރާބުގައި ކުރިއަށް ކަމަށެވެ.