އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑު އަލް ޞާދު އަށް ކުޅެމުން އަންނަ ޤަތަރުގެ އަކްރަމް ޢަފީފް ހޯދައިފި އެވެ.
މިއަހަރުގެ އޭއެފްސީގެ އެވޯޑު ޙަފުލާ ބާއްވާފައި ވަނީ ދެކުނު ކޮރެއާގެ ވެރި ރަށް ސޯލްގަ އެވެ. އެވޯޑު ހޯދާފައިވާ ޢަފީފް ވަނީ މިއަހަރު ޤަތަރުގައި ކުރިއަށް ދިޔަ އޭޝިއަން ކަޕް ޤަތަރާ އެކު ކާމިޔާބު ކޮށްފަ އެވެ. ޤަތަރުން އެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ ވެސް ޢަފީފް އެވެ. ފައިނަލްގައި 3-1 އިންޖޯޑަށް ބަލިކޮށް ޤަތަރުން އޭޝިއަން ކަޕް ކާމިޔާބުކުރީ ޤަތަރުންނެވެ.
އެ މެޗުގައި ޤަތަރުގެ ތިން ލަނޑު ވެސް ޖެހީ ޢަފީފް އެވެ. އެއާއެކު އޭނާ ވެފައި ވަނީ އޭޝިއަން ކަޕްގެ ތާރީޚުގައި ވެސް އެ މުބާރާތުގެ ފައިނަލްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ އޭނާ އެވެ. އެއީ މުބާރާތުގައި ޖުމުލަ އަށް ލަނޑު ޖަހައިގެންނެވެ. މިއީ ޢަފީފް އެ އެވޯޑު ހޯދި ދެ ވަނަ ފަަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް އޭނާ ވަނީ އެ އެވޯޑު ކާމިޔާބު ކޮށްފަ އެވެ.
މީގެ އިތުރުން އޭޝިއާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ ޖަޕާނުގެ ކީކޯ ސައިކޭ އެވެ. އެ އެވޯޑު ސައިކޭ ހޯދާފައިވާއިރު އޭނާ ވަނީ ޖަޕާނުގެ އެންމެ މަތީ ފަންތީގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދައިފަ އެވެ. އަދި އޭނާ ކުޅެމުން އަންނަ ރެޑް ޑައިމަންޑްސް އަށް ޖެހި ޖެހިގެން ފުރަތަމަ ފަހަރަށް ޑަބްލިއުއީ ލީގުގެ ޗެމްޕިއަންކަން ހޯދައި ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.