ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 07:11
ކާވާގެ ރައީސް މުޙައްމަދު ލަތީފާއި ޖެނަރަލް ސެކްރެޓަރީ
ކާވާގެ ރައީސް މުޙައްމަދު ލަތީފާއި ޖެނަރަލް ސެކްރެޓަރީ
ކާވާގެ އޮފީސް ރާއްޖޭގައި
ލަތީފް އުއްމީދު ކުރާ ގޮތުގައި ކާވާގެ އޮފީސް ރާއްޖޭގައި ހުރުމަކީ ވޮލީ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް
ލަތީފް ވިދާޅުވީ ރާއްޖޭގައި ކާވާގެ އޮފީސް ޤާއިމު ކުރުމަށް ނިންމީ ހުރިހާ ޤައުމެއް ތާއިދާއެކު ކަމަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ އޮފީސް ރާއްޖޭގައި ހުރުކަމީ އެކަމުގެ ފައިދާ ރާއްޖޭގެ ވޮލީބޯޅަ އަށް ނުހަނު ބޮޑަށް ކުރާނެ ކަމެއް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ލަތީފް މިހެން ވިދާޅުވީ ކާވާގެ އޮފީސް ރާއްޖޭގައި ޤާއިމު ކުރުމަށް ޤައުމުތަކުގެ ތާއީދު ލިބުމުންނެވެ. މީގެ ކުރިން ވެސް ލަތީފް ވަނީ ކާވާގެ ރައީސްކަމަށް އިންތިޚާބުވުމާއެކު އެ އެސޯސިއޭޝަންގެ އޮފީސް ރާއްޖޭގައި ޤާއިމު ކުރުމުގެ މަސައްކަތް އެކި ފަހަރު މަތިން ކުރައްވާފައެވެ. އެކަމާ ގުޅިގެން ލަތީފް ވިދާޅުވީ، އެންމެ ފުރަތަމަ އެ ވާހަކަ ދެއްކީ 2020 ވަނަ އަހަރު ކަމަށެވެ. ނަމަވެސް އޭރު ކާވާގެ އަސާސީ ޤަވާއިދުގެ އިތުރުން އެހެނިހެން ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދާއި ދެން ވެސް ހުރި ކަންކަން ވާނީ ފުރިހަމަވެފައި ކަމަށާއި، މިންގަނޑުތަކަށް ފެތޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގައި ކާވާގެ އޮފީސް ޤާއިމު ކުރުމަށް ނިންމީ ހުރިހާ ޤައުމެއް ތާއިދާއެކު ކަމަށެވެ. މީގެ އިތުރުން ލަތީފް ވިދާޅުވީ އެކަމުގައި ވޮލީ ބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) އިން ވަނީ އިދާރީ ޚަރަދުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖޭގެ ވޮލީ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ޤައުމެއްގެ އިއްތިފާގު ނިންމާފައި އެ އޮތީ ރާއްޖޭގައި ކާވާގެ އޮފީސް ޤާއިމުކުރުމަށް. މިއީ ރާއްޖެ އަށް އެކިއެކި ގޮތްގޮތުން ފުރުސަތު ލިބިގެންދާނެ ކަމެއް. އަދި އެފްއައިވީބީން މިހާރު އެ އޮތީ އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް ދޭން ހަމަޖައްސާފައި. މިކަމުން ރާއްޖެ އަށް އިތުރު ސްޕޮންސަރުން ލިބި، އަދި ޑިވެލޮޕްމަންޓް ޕްލޭނެއްގެ ތެރެއިން ކަންތައްތައް ކުރެވޭނެ.
މުޙައްމަދު ލަތީފް / ކާވާގެ ރައީސް

މީގެ އިތުރުން ލަތީފް ވިދާޅުވީ ކާވާގެ ދޮރު އަބަދު ވެސް ހުންނާނީ ހުރިހާ ޤައުމަކަަށް ހުޅުވިފައި ކަމަށެވެ. އެގޮތުން ކާވާގެ ޤައުމަކުން ބާއްވާ މުބާރާތެއްގައި އެ އެސޯސިއޭޝަންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މީގެ މިހާރު ކާވާގެ ޖެނަރަލް އެސެމްބްލީން ވަނީ ރާއްޖޭގައި އޮފީސް ޤާއިމު ކުުރުމަށް ނިންމާފައި ކަމަށާއި، އެހެންކަމުން ދިވެހި ސަރުކާރުގައި އެކަމަށް ރަސްމީކޮށް އެދޭނެ ކަމަށެވެ. ލަތީފް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އޮފީސް ޤާއިމު ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އޭރު އެކަން ދިވެހި ސަރުކާރަށް ރަސްމީ ސިފައެއްގައި ހުށަނާޅާ ކަމަށެވެ.

ކާވާ އަކީ ސެންޓްރަލް އޭޝިއާގެ ފަސް ޤައުމާއި، ސައުތު އޭޝިއާގެ އަށް ޤައުމުގެ އިތުރުން އަފްގާނިސްތާނު ހިމެނޭ ގޮތަށް ޖުމުލަ 14 ޤައުމުގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަނެކެވެ. މިއީ އެފްއައިވީބީން އުފައްދާފައިވާ 22 ޒޯން އެސޯސިއޭޝަންގެ ތެރެއިން އެއް އެސޯސިއޭޝަނެވެ. މިއީ އޭޝިއަން ވޮލީބޯލް ކޮންފަޑެރޭޝަން (އޭވީސީ) ގައި ހިމެނޭ ސެންޓްރަލް އޭޝިއާ ސަރަހައްދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
- ކޮމެންޓް