ކާވާ 20 އަހަރުން ދަށުގެ އަންހެން ޑިވިޝަން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިރުގިސްތާން ހޯދައިފި އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ އަންގާރަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު ފައިނަލްގައި ސްރީލަންކާ ބަލިކޮށްގެންނެވެ.
ލީގު ބުރުގައި ލަންކާ އަތުން ބަލިވެފައި ވަނިކޮށް, ފައިނަލްގައި ކިރުގިސްތާން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗުގެ ސެޓްތައް ކިރުގިސްތާނުން ގެންދިޔައީ 28-26, 25-27 އަދި 25-19 ނެވެ. ލީގު ބުރުގައި މިދެޓީމް ވާދަކުރި މެޗު 3-2 ން ކާމިޔާބުކުރި ލަންކާ އެވެ. އަދި ލީގުބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލްގެ ޖާގަ ހޯދީވެސް ލަންކާއެވެ. މުބާރާތުގައި ލަންކާ ބަލިވި ހަމައެކަނި މެޗަނީ ފައިނަލް މެޗެވެ. ކިރުގިސްތާން ބަލިވި ހަމައެކަނި މެޗަނީ ލީގު ބުރުގައި ލަންކާއާ ވާދަކުރި މެޗެވެ.
މުބާރާތުގެ ތިންވަނަ ޓީމަކީ ނޭޕާލެވެ. ނޭޕާލް ތިންވަނަ ހޯދީ ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްގެންނެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވި ހަމައެކަނި ޓީމަކީ ރާއްޖެ އެވެ. ނޭޕާލް މޮޅުވީ ހަމައެކަނި ރާއްޖެ އަތުންނެވެ.