10 ކުދިންނާއި އެކު އެމްޕީއެލްގެ ފުރަތަމަ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
އެމްޕީއެލްގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރންޝިޕް ފުރިހަމަކުރި ކުދިންނާއި އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ އެމްޕީއެލްގެ އިންޓަރންޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ވަނީ މަރުޚަބާ ވިދާޅުވެފައެވެ. އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރާ ކުދިންނާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކޮށް ނިމިފައިވާ ދަރިވަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެމްޕީއެލް އިން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މަގްސަދަކީ ޕޯޓް ފަދަ ދާއިރާއެއްގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގާ ދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޚާއްސަކޮށް ބަނދަރުގައި ކުރާ މަސައްކަތްތަކާއި ކުރިއަށް ދެވިދާނެ ދައިރާތައް ހޯދާދިނުމަކީ އެމްޕީއެލްގެ މަގްސަދު ކަަމަށް އޭނާ ވިދާޅުވިއެވެ، މީގެ އިތުރުން އެފަދަ ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދާ ދިނުމަކީ ވެސް ކުންފުނީގެ މަގްސަދެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އެމްޕީއެލްގެ އިންޓަރންޝިޕްގެ ސަބަބުން ދަރިވަރުންނަށް ތަފާތު މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭ ކަމަށާއި އެކަމާއި އުފާކުރައްވާ ކަމަށެވެ. އަދި އެފަދަ އިންޓަރންޝިޕް ޕްރޮގްރާމްތަކަކީ ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ދަސްވެ، އަމަލީ ތަޖުރިބާގެ އަލީގައި މަސައްކަތްތައް ދަސްކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަސައްކަތްތެރި ދަރިވަރުން އުފެދޭނީ އެފަދަ ޕްރޮގްރާމްތަކުގެ އަލީގައި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފަހަރު މި އިންޓަރންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ އަހަރީ ޗުއްޓީ އާއި ދިމާކޮށެވެ. ކުރިއަށް އޮތްތަނުގައި ވެސް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މިފަދަ އިންޓަރންޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. މިފަހަރުގެ ތަޖުރިބާ އަށް ބަލާ އިރު އިންޓަރންޝިޕްގެ ބައިވެރިން މަސައްކަތް ކުރީ ސިވިލް އިންޖިނިއަރިން، އިންޖިނިއަރިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިތުރުން މެޝިނިން އެންޑް ފެބްރިކޭޝަން އާއި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ ފަދަ ދާއިރާތަކުގައެވެ. އެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދި ދާއިރާތަކަކީ ވަރަށް މުހިންމު ދާއިރާތައް ކަަމަށް އެމްޕީއެލް އިން ވަނީ ފާހަގަކޮށްފައެވެ.