އިސްލާމީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އެކުވެރިކަމާއި، އުޚުވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށްޓަކައި، އެކަކު އަނެކަކާ ދޭތެރޭގައި އަދި އެއްބަޔަކު އަނެއްބަޔަކާ ދެމެދު ބަހައްޓަންޖެހޭ ރީތި އާދަކާދަތަކެއް ވެއެެވެ. ދުރުހެލިވާންޖެހޭ ނުބައިކަންތައްތަކެއް ވެއެވެ. އެކަކު އަނެކަކަށް އަދި އެއްބަޔަކު އަނެއްބަޔަކަށް ނަފުރަތުވެ ރުޅިވެރިކަން އުފައްދާ ހުރިހާ ކަމަކުން ދުރުހެލިވުމަށްވަނީ މި މާތް ދީނުގައި އަމުރުކުރައްވާފައެވެ.
އިސްލާމްދީން އެ ސިފަތަކަކުން ދުރުހެލިވުމަށް މުސްލިމުންނަށް އަމުރުކުރާ ސިފަތަކުގެ ތެރެއިން އެންމެނުބައި އެއް ސިފަޔަކީ، ނެތިމޮށުމުގެ ނުބައި ސިފައެވެ. މިކަމަކީ ގިނަ މީހުން މިކަމުގެ ހުރި ނުބައިކަމާއި ފާފައިގެ ބޮޑުކަން ނުދަނެ ތިބެގެން ކުރާ ކަމެކެވެ. މަޖަލަކަށް މުނިފޫހިފިލުވުމަށްވެސް ކުރެވެނީ އެވެ. އެހެން މީހުންގެ އައިބުތަކުގެ ވާހަކަ ދެއްކުމަކީ އުފަލަކަށްވެސް ވަނީއެވެ.
ނެތި މޮށުމުގެހުރި ނުބައިކަން ބަޔާން ކުރައްވަމުން މާތްﷲ ވަހީކުރައްވާފައިވެއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ (އަލް ޙުޖްރާތު 12)"
މާނައަކީ، "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."
ނިކަން ވިސްނަވާށެވެ! މި އާޔަތުގައި ޣީބަ ނުވަތަ ނެތިމޮށުމުގެ ނުބައި ސިފަ ތަސައްވަރުކޮށްދެއްވާފައިވަނީ ހާދަހާ އިބުރަތްތެރި ގޮތެއްގައެވެ. އެންމެ ފުރަތަމަ މި ނުބައި ސިފަައިން ދުރުހެލިވެ ތިބުމަށް އަމުރު ކުރެއްވުމެވެ. ދެވަނަޔަށް، ނެތި މޮށޭމީހާއީ އޭނާގެ އަޚާގެ މަސްކާ މީހަކާ އެއްފަދަވުމެވެ. ދުރުހިލޭ މީހެއްގެ މަހެއް ނޫނެވެ. ތިން ވަނަޔަށް، އެ އަޚާ މަރުވެ، މުޅަވެފައިވާ ހާލުގައެވެ. ހަތަރުވަނައަށް، މި ނުބައިކަންތައް ކުރުމަށް އެދުމުގެ ބަދަލުގައި އެކަންތައް ކުރުމަށް ލޯބި ކުރުމެވެ. ފަސްވަނަޔަށް، އިންކާރު ކުރެއްވުމުގެ ގޮތުން ސުވާލެއްގެ ސިފާގައި ވާރިދުވުމެވެ.
މިއީ ﷲގެ ވަހީ ބަސްފުޅުގެ ތެރެއިން އެއްބަސްފުޅެވެ. އަދިވެސް މިކަހަލަ ކިތައްމެ ބަސްފުޅެއް އެބަހުއްޓެވެ. ހަމަ އެފަދައިން ނެތިމޮށުމުގެ ނުބައިކަން ބަޔާންކުރައްވާފައިވާ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ވެސް ގިނަގުނައެވެ.
މިކަން މިހެން އޮތުމުގެ ސަބަބުން، ނެތިމޮށުމުގެ ނުބައި ސިފައިން ދުރުހެލިވުމަށް ގަދަބާރުއަޅައި މަސައްކަތް ކުރަމާތޯއެވެ. އެކުވެރިކަމާއި އުޚުވަތްތެރިކަމުގެ ލޯބި އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމަށެވެ. ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އަބަދުގެ އަބަދަށް ފަނާވުމެއް ނެތި ދެމިތިބެނިވި ގޮވަތީގެ ބާއްޖަވެރިކަން ހާސިލް ވޭތޯއެވެ.
ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.