ސަތޭކަ އަކަ މީޓަރުގެ ގްރީންހައުސްގައި ބަރިބަރިއަށް، އޮލަނބަށް ޖަހާފައިވާ ހުދުކުލައިގެ ގަސް މުށިތަކުގައި ސްޓްރޯބެރީ އޮށް އިންދަން ހުރި ޢާޔިދު އަބޫ ރަމަދާންއަށް ތަޢުރީފު ޙައްޤެވެ. ޣައްޒާގެ ބައިތު ހަނޫންގައި އޮލަނބަށް ދަނޑު ހެދުމުގައި، އަބޫ ރަމަދާންއަކީ ނަމޫނާއެކެވެ. އާބާދީ ތޮއްޖެހެމުންދާ ޣައްޒާގައި، މިއަދު އޭނާ ކުރަމުން އެދަނީ އިންޤިލާބީ ދަނޑުވެރިކަމެކެވެ.
އާންމުކޮށް 1000 އަކަމީޓަރުގައި ނޫނީ ނުހެއްދޭހާ ގިނަ ގަސް، މިއަދު އަބޫ ރަމަދާން ހައްދަމުން އެ ދަނީ އެންމެ 100 އަކަ މީޓަރުގައެވެ.
އަހަރަމެން މަޑުކޮށްލައިގެން މި ތިބީ ޣައްޒާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދާދޭ ގޮތަށް ތަރައްޤީ ކޮށްފައި ވާ ސްޓްރޯބެރީ ދަނޑެއްގަ. މީ ފަލަސްޠީނުގައި ވަރަށް މަދުން ނޫނީ ނުކުރާ ކަހަލަ ތަޖުރިބާއެއް. ފަލަސްޠީނަށް ތާރީޚީ ކަމެއް. މީ ފަލަސްޠީނުގެ ފުރަތަމަ، އޮލަނބު ދަނޑު. މި 100 އަކަ މީޓަރުގަ އެބަ ހުރި، އާންމުކޮށް މި ކުރާ ދަނޑުވެރިކަމުގެ އުސޫލުން ހިންގާ 1000 އަކަމީޓަރުގެ ދަނޑަކުން ލިބޭހާ އުފެއްދުންތައް އުފައްދާނެ ގަސްތައް.ޢާޔިދު އަބޫ ރަމަދާން؛ ޣައްޒާގެ ދަނޑުވެރިއެއް
އިޒްރޭލާއި މިޞްރާއި ދެމެދު ހުރިހާ ގޮތަކުން ފިއްތާލާފައި އޮތް ޣައްޒާއަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީވެސް ބިމުގެ ދަތިކަމުގެ މައްސަލައެވެ. ކުރިއަށް އޮތް 30 އަހަރެއްހާ ދުވަހަށް ބަލާއިރު، ޣައްޒާގެ އާބާދީ، 2 ގުނަ އިތުރުވެ، 4.8 މިލިއަނަށް އާބާދީ އަރާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. މިއަދުވެސް ޣައްޒާގައި ބިން ކޮޅެއް ނެތެވެ.
އިތުރު ވަމުންދާ އާބާދީއަށް ބޯހިޔަވަހިކަން ފޯރުކޮށްދޭނެ ގެދޮރު އެޅުމަށާއި، ހަމަ އެ އާބާދީއަށް ބޭނުންވާ ކާބޯތަކެތި ކަށަވަރު ކުރުމަށް ދަނޑުގޮވާން ކުރުމަށް ބިން ހޯދުމަށް އޮންނަނީ ވާދަވެރި ހަނގުރާމައެއް ކުރަން ޖެހިފައެވެ.
މިކަހަލަ ދަނޑުވެރިކަމެއްގެ ފައިދާ ވަރަށް ގިނަ. އެކި ކަހަލަ އުފެއްދުންތައް އުފެއްދެނީ އެކަންޏެއް ނޫން. އާންމުކޮށް މި ކުރާ ކަހަލަ ދަނޑުވެރިކަމެއްގައި ކޮންމެ 1000 އަކަ މީޓަރަކުން އުފެއްދޭނީ 4 ޓަނު... އެކަމަކު މިކަހަލަ ދަނޑުވެރި ކަމެއްގަ އަހަރަމެންނަށް އެބަ ލިބޭ 6 ޓަނާއި 8 ޓަނާ ދެމެދު މިންވަރެއްގެ އުފެއްދުންތައް.ޢާޔިދު އަބޫ ރަމަދާން؛ ޣައްޒާގެ ދަނޑުވެރިއެއް
ހަމާސް ޖަމާޢަތުން ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އާދަމް އަލް ބަސްޔޫނީ ވިދާޅުވީ، އޮލަނބަށް ދަނޑު ހެއްދުމުގެ މަސައްކަތަކީ، އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ ފެންވަރަށް ބަލާއިރުވެސް ބޮޑެތި ފައިދާތަކެއް އެކަމުގައި އެކުލެވޭ މަސައްކަތެއް ކަމަށެވެ.
ފަލަސްޠީނަށް ނިސްބަތްވާ އިންޖިނޭރު، އަބޫ ރަމަދާން އެދަނީ ކިތަންމެހާވެސް ރަނގަޅަކަށް އެކަން ސާބިތުކޮށްދެމުންނެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް، ބިމުގެ ނިސްބަތުން އެއްތަންކޮޅެއްގައި އެންމެ ގިނަ ބަޔަކު ތޮއްޖެހިފައި ވަނީ ޣައްޒާގެ ބިމުގައެވެ. ބޯޑަރު ސަރަޙައްދުގައި އެއްވެސް ކަހަލަ މަސައްކަތެއް ކުރެވެން ނެތް އިރު، ދަނޑުވެރިކަމުގެ މަސައްކަތް ކުރާނެ ބިންކޮޅެއް ނެތޭވެސް ބުނެވިދާނެއެވެ.