ސްޕެނިޝް ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލްގައި ވާދަވެރި ބާސެލޯނާ އާއި ރެއާލް މެޑްރިޑު ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ދެ ޓީމު އެންމެ ފަހުން ވާދަކޮށްފައި ވަނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގަ އެވެ. އެ މެޗުގައި ރެއާލް ބަލިކޮށް ބާސެލޯނާ އިން ވަނީ ތަށި އުފުލައިލާފަ އެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި ވެސް މި ދެ ޓީމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގުރުން ވަނީ ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމުތައް ކަނޑައަޅައިފަ އެވެ. ބާސެލޯނާ އާއި ރެއާލް އެއް ސެމީގައި ވާދަ ކުރާއިރު، އަނެއް ސެމީގައި ވާދަކުރަން ޖެހުނީ އޮސަސޫނާ އާއި އެތުލެޓިކް ކުލަބް އެވެ.
ބާސެލޯނާ އާއި ރެއާލް ކުޅޭ ސެމީގެ ފުރަތަމަ ލެގު އޮންނާނީ މާޗު މަހުގެ އެއް ވަނަ ދުވަހު ރެއާލްގެ ސަންޓިއާގޯ ބާނަބެއުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ ފަސް ވަަނަ ދުވަހު ބާސެލޯނާގެ ކޭމްޕް ނޯގަ އެވެ. އޮސަސޫނާ އާއި އެތުލެޓިކް ކުޅޭ ސެމީގެ ފުރަތަމަ ލެގު އޮންނާނީ މާޗު މަހުގެ އެއް ވަނަ ދުވަހު އޮސަސޫނާގެ ދަނޑުގަ އެވެ. ދެ ވަނަ ލެގު އެތުލެޓިކްގެ ދަނޑުގައި އޮންނާނީ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ.